އިހަވަަންދިއްޕޮޅު ތަރައްގީ ކުރަން އިންވެސްޓަރުން ހޯދަން މި ސަރުކާރުންވެސް އެ ސަރަހައްދު އިޝްތިހާރުކުރަން ފަށައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މީސް މީޑިއާ އަށް ރޭ ދޫކޮށްލި އިޝްތިހާރެއްގައި ބުނީ، އިހަވަންދިއްޕޮޅުގެ އިންވެސްޓްމެންޓަކީ ދިގު އިންތިޒާރެއްގައި ދެމިގެން ގޮސްފައިވާ އިންވެސްޓްމެންޓް ފުރުސަތެއް ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން ޓުވީޓްކުރި 22 ސިކުންތުގެ ކުރު ވީޑިއޯ ކްލިޕްގައި ބުނީ އިންވެސްޓަރަކު ހޯދުމަށް އަންނަ މަހުގެ ހަތަރުވަނަ ދުވަހު ހުޅުވައިލާނެ ކަމަށެވެ.

އިހަވަންދިއްޕޮޅުގެ ރީތިކަން ދައްކައިދޭ އޭރިއަލް އެ ކުރު ވީޑިއޯ ކްލިޕްގައި ވަނީ ދަތުރުފަތުރަށް އޮތް ލުއި ގޮތްތައްވެސް ހިމަނާފައެވެ. އެގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އެ ސަރަހައްދަށް 50 މިނެޓުން ދެވޭނެ ކަމަށާއި ހޯރަފުށީ އެއާޕޯޓުން އެ ސަރަހައްދަށް 10-15 މިނެޓުން ދެވޭނެކަމަށް ބުންޏެވެ.

އިހަވަންދިއްޕޮޅުގައި އިންވެސްޓްކުރަން އަންނަ މަހު ހުޅުވައިލުމަށް ޓޫރިޒަމް މިނިސްޓްރީން އިޝްތިހާރު ފަށާފައިވާއިރު، އެ ސަރަހައްދުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހަދަން އިންވެސްޓަރުން ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.

އިހަވަންދިއްޕޮޅު ތަރައްގީ ކުރުމުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވުނީ ރައީސް މައުމޫންގެ ޒައާމަތުގެ ފަހުކޮޅުގައެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމިގެން ދިޔައިރު އެ މަސައްކަތް އޮތީ ނުފެށިފައެވެ. އެއަށް ފަހު އެއާޕޯޓަކާއި ޓްރާންޝިޕްމަންޓް ބަނދަރެއް އަދި ރިސޯޓުތަކާއި ބައިނަލްއަގުވާމީ ކުރޫޒް ފެލިސިޓީއަކާއެކު އިހަވަންދިއްޕޮޅު ސަރަހައްދުގައި "އައިހަވަން"ގެ ނަމުގައި މަޝްރޫއެއް ކުރިއަށް ގެންދަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ވެސް އިއުލާނުކުރި އެވެ. ނަމަވެސް އެ ސަރަހައްދަށް އިންވެސްޓު ކުރާނެ ބަޔަކު ނުވިއެވެ.