ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ދިމާވެފައިވާ ހާލަތުން އަރައިގަނެ، ޓޫރިޒަމް ކޮޅަށް ޖެހޭނީ ވައިގެ ދަތުރުތައް ކުރިއެކޭ އެއްގޮތަށް އިތުރުކުރެވިގެން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ޔުނައިޓެޑް ނޭޝަންސްގެ ހެޑް އޮފް ސްޓޭޓް އެންޑް ގަވަމެންޓް ފައިނޭންސިން 2030 އެޖެންޑާގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ކޮވިޑުގެ ސަބަބުން އިގުތިސޯދީ ގޮތުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ރާއްޖެ ކަހަލަ ކުދި ޖަޒީރާ ގައުމުތަކަށް ކަމަށެވެ. އަދި ފައިސާ ހޯދާނެ އިތުރު ގޮތްތަކެއް ކަނޑައަޅައިގެން ނޫނީ އިގުތިސޯދު އަލުން ކޮޅަށް ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި އަމީރު ވަނީ ކްރެޑިޓް ގެރެންޓީ ސްކީމެއް ތައާރަފުކުރުމަށް ހުށަހަޅުއްވައިފައެވެ. އަމީރު ވިދާޅުވީ އޭގެ ސަބަބުން އެހެން ގައުމުތަކުން ލޯން ނެގުން ދަށްވެގެންދާނެ ކަމަށާއި ކޮވިޑުގެ މި ހާލަތުން އަރައިގަތުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ކޮވިޑުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިޒަމް ތިން މަހަށް ހުއްޓިގެން ދިޔަކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ އެއީ ވަރަށްވެސް ހިތްދަތި ނިންމުމެއް ކަމަށާއި ނަމަވެސް އެއީ ވަރަށް މުހިންމު ނިިންމުމެއް ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15ގައި އަލުން ހުޅުވާލީ ގައިޑްލައިންތަކަކާއެކު ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަމީރު ވިދާޅުވީ ރާއްޖެއަކީ ވަކިވަކިން ރަށްތައް އޮންނަ ގައުމެއް ކަމުން ފަތުރުވެރިންނަށް އެންމެ ރައްކާތެރި އެއް ގައުމަށް ރާއްޖެ ވެގެންދާނެ ކަމަށެވެ.
"ޓޫރިޒަމް އަލުން ފެށި، އިގުތިސޯދު އަލުން ކޮޅަށް ޖެހޭނެ އެންމެ މުހިންމު އެއް ކަމަކީ ވައިގެ ދަތުރުތައް ރައްކާތެރިކަމާއެކު އަލުން ފެށި ކުރިއެކޭ އެއްގޮތަށް ދަތުރުތައް އިތުރުކުރެވިގެން،" އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ފަތުރުވެރިކަން އިތުރުކުރަން ގްލޯބަލް ޓްރަސްޓް ފަންޑެއް ހުށަހަޅާފައިވާނެ ކަމަށާއި މި ފަންޑުން ޓެސްޓިން ކެޕޭސިޓީ އިތުރުކޮށް، އެއާޕޯޓުގައި ރައްކާތެރި ފިޔަވަޅުތައް ގާއިމުކުރެވި އަދި ރިސޯޓުތަކުގައި ކަންކަން ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ.
އަމީރު އިތުރަށް ވިދާޅުވީ ކޮވިޑުން އަރައިގަނެވިގެން އަންނަ އިރު، މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނެ ގައުމަކަށް ރާއްޖެ ވެގެންދިއުމަކީ އުންމީދެއް ކަމަށެވެ. އަދި މިކަމުން އަރައިގަނެވޭނީ ހުރިހާ ގައުމުތައް ގުޅިގެން ކަމަށާއި މިހާރުވެސް އދ. ގެ ގައުމުތަކުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު