މާލޭ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްގީކޮށްފައިވާ ޕާކް (އަޑި ޕާކް)ގެ މައްސަލައިގައި މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދުގެ މައްޗަށް ދައުވާކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފިއެވެ.
އޭސީސީން ބުނީ އަޑި ޕާކު މައްސަލައިގައި ޝިފާގެ މައްޗަށް ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ މައްސަލައިގައި ކަމަށެވެ.
އޭސީސީން ބުނީ މާލޭ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ޕާކު ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫއުގައި ހިމެނޭ އިމާރާތްތަކުގެ މަސައްކަތްތަކުގެ ތެރެއިން ދެ ފާހާނާބަރީގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނުން ކޮށް ނިންމާފައިވާ އިރު، އެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ބީލަމަކާ ނުލައި ކަމަށާއި ނަމަވެސް އެ މަސައްކަތަކީ، އިއުލާނުކޮށްގެން ވާދަވެރި ބީލަމެއްގެ ތެރެއިން ހަވާލުކުރެވެން އޮތް މަސައްކަތެއް ކަމަށެވެ.
އެގޮތުން ފުރަތަމަވެސް ހަމައެކަނި އަމީން ކޮންސްޓްރަކްޝަނުން ކޯޓޭޝަން ހޯދައިގެން ދައުލަތުގެ މާލިއްޔަތުގެ ގަވައިދު (20 ފެބުރުވަރީ 2017)ގެ 10.25 ވަނަ މާއްދާގެ ދަށުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން ފިނޭންސް މިނިސްޓްރީން ހުށަހަޅައިގެން މަސައްކަތް ހަވާލުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ. ނަމަވެސް އެ މައްސަލައިގެ ތަަހުގީގު ފެށި ފަހުން، ދެންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފައިވާކަމާއި، ނަމަވެސް އެ މަސައްކަތްތައް އެއްވެސް ފަރާތަކާ ހަވާލުކޮށްފައިނުވާ ކަމަށް އޭސީސީން ބުންޏެވެ.
މީގެ އިތުރުން އޭސީސީން ބުނީ އަމީން ކޮންސްޓްރަކްޝަނުން ފާހާނަ ބަރީގެ މަސައްކަތް ކުރަމުން ދިޔަ އިރު، އެ މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެ އެ މަސައްކަތް މޭޔަރު ޝިފާ ހުއްޓުވައިފައި ނުވާ ކަމަށެވެ.
"ވުމާއެކު، ހާމަކަންބޮޑު ދެފުންފެންނަ އުސޫލެއް ނެތި، އެއްބަސްވުމެއް އަދި ލިޔެކިޔުމެއް ނެތި، އަމީން ކޮންސްޓްރަކްޝަންއާ މަސައްކަތް ހަވާލުކޮށް ކުރުވުމާއި، ހިލޭ އެހީގެ ހުށަހެޅުމެއް ލިބިފައި އޮއްވައި އެކަން ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާނުކޮށް، އެ ކުންފުނިން އަމަލީގޮތުން ދެ ފާހާނާބަރީގެ މަސައްކަތް ފެށިފަހުންވެސް ކައުންސިލްގެ އިދާރާގެ ބަޖެޓްގެ ތެރެއިން ބިޑް ކޮމިޓީ މެދުވެރިކޮށް މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދު މަސައްކަތްކޮށްފައިވާކަމާއި، އޭނާ އެފަދައިން އަމަލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަން ތަހުގީގަށް ލިބިފައިހުރި ހެކިތަކުން އެނގެން އޮތުމުން، މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދު، ގ.އެޓްނާ / ކ.މާލެ ގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމީއެވެ." އޭސީސީން ބުންޏެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން