އިންޑިއާއިން މިއަދު ރާއްޖެއަށް ޑޯނިއާ އެއާކްރާފްޓެއް ހަދިޔާކުރުމުން އެކަމަަށް ފާޑުވިދާޅުވެ މިއަދަކީ އަނެއްކާވެސް ކަޅު ދުވަހެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ ހަދިޔާއެއް ދޭން އައި މީހުން އަށް އަހަރުވީ އިރު، ތިން އުޅަނދާއި 200 ސިފައިންނަށް ބަދަލުވެފައިވާ ކަމަށެވެ.

"މިއަދަކީ އަނެއްކާ ވެސް ކަޅު ދުވަހެއް. މި ނުރައްކަލުގެ ވާހަކަ އަޅުގަނޑުމެން ދައްކަން ފެށިއިރު މިކަން ގަބޫލުނުކޮށް ތިއްބެވި ބޭފުޅުންނަށް މި ވަމުންދާގޮތް އިހުސާސް ކުރެއްވޭނެ ކަމަށް ހީކުރަން،" އުމަރު ވިދާޅުވިއެވެ.

އުމަރު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ގިނަވި ނަމަވެސް އެމީހުން ބާލާނެ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުން އުމަރު ވަނީ މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އެމީހުން ރާއްޖެއިން ބާލާނެ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ މި ބޯޓު ދުއްވުމަށް 2017 ވަނަ އަހަރުން ފެށިގެން ދިވެހި ޕައިލެޓުން ތަމްރީން ކުރަމުން އައިސްފައިވާ ކަމަށާއި އެގޮތުން މިހާތަނަށް ޕައިލެޓުންނާއި އެއާ އޮބްޒާވަރުން އަދި އިންޖިނިއަރުން ހިމެނޭ ގޮތަށް ހަތް މީހަކު ތަމްރީނު ކޮށްފައިވާ ކަމަށެވެ. އަދި ބޯޓު ދުއްވާނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށާއި ބޯޓުގެ މެއިންޓެނެންސް އާއި އެހެނިހެން ހަރަދުތައް ބަލަހައްޓާނީ އިންޑިއާއިން ކަމަށް ވެސް ހައި ކޮމިޝަނުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ މި ބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި ރާއްޖޭގެ މަސްކަނޑުތަކުން ގަވައިދާ ހިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓާކުރުމަށް ކަމަށެވެ.

އިންޑިއާއިން މީގެ ކުރިން ވަނީ ރާއްޖެއަށް ދެ ހެލިިކޮޕްޓަރު ހަދިޔާކޮށްފައެވެ. އެ ދެ ހެލިކޮޕްޓަރު އޮޕަރޭޓުކޮށް މެއިންޓެއިން ކުރުމުގައި ހަރަކާތްތެރި ވަނީ ވެސް އިިންޑިއާ އަސްކަރިއްޔާއިންނެވެ. ނަމަވެސް ހެލިކޮޕްޓަރު ދުއްވުމަށާއި އޮޕަަރޭޝަނުގައި އިންޑިއާގެ ސިފައިންނާއެކު ދިވެހި ސިފައިން ވެސް ބައިވެރިވެއެވެ.