ސިޔާސީ ޕާޓީއަކުން ހިންގާ ހަރަކާތްތަކުގައި ޕާޓީގެ މެންބަރުންގެ ގޮތުގައި ބަލާނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލަހައްޓާ ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ މެންބަރުންނަށް ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ޕާޓީތަކުން ދެކޮޅު ހަދައިފިއެވެ.

އީސީން ސިޔާސީ ޕާޓިތަކުގެ ގާނޫނަށް ގެންނަ ހުށަހަޅާފައިވާ އިސްލާހުތަކާ ބެހޭގޮތުން ޕާޓީތަކާ މަޝްވަރާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި މި އިސްލާހަށް ދެކޮޅު ހެދުމުގެ ގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް، ޕީއެންސީން ވެސް ވަނީ ވާހަކަދައްކައިފައެވެ.

މި އިސްލާހު އީސީން ހުށަހަޅާފައިވަނީ ގާނޫނުގެ ނުވަވަނަ މާއްދާއަށް އަކުރެއް އިތުރުކުރުމަށް އެ މާއްދާގެ (ކ) ގެ ގޮތުގައެވެ.

މި އިސްލާހަށް އެމްޑީޕީގެ ފަރާތުން ވާހަކަދައްކަވަމުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބުދުއްސައްތާރު ވިދާޅުވީ، ޕާޓީތަކުން އަސްލަކަށް ބަލަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ކަމަށް ބުނެފައި، ޕާޓީއަކުން ހިންގާ ހަރަކާތްތަކުގައި ޕާޓީގެ މެންބަރުންގެ ގޮތުގައި ބަލާނީ އީސީގެ ދަފްތަރަށް ބަލައިގެން ކަމަށް އޮތުމަކީ ސާފު ނުވާ ކަމެއް ކަމަށެވެ.

އެގޮތަށް އެކަން އޮންނަ ކަމަށްވަންޏާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް އިީސީއަށް ބަރޯސާވާން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި 2،000 މެންބަރުން ތިބޭ ޕާޓީއަކުން ބާއްވާ ބައްދަލުވުމަކަށްވެސް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ އަދި އެ ޕާޓީއަށް ތާއީދުކުރާ 10،000 މީހުން ހާޒިރުވެދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބުތަަކަކީ އެންމެ ފޯރިއާއެކު ކުރިއަށްދާ އަދި، މެންބަރުން ވެސް އިތުރުވާ ހަރަކާތްތައް ކަމަށާއި އެހެންކަމުން އީސީގެ ދަފްތަރަށް ބެލުމުގެ ބަދަލުގައި ސިޔާސީ ޕާޓިތަކުން ބަލަންޖެހޭނީ އެ ޕާޓިތަކުން އެކުލަވައިލާ ދަފްތަރަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވީ އެ މައްސަލައިގައި އެމްޑީޕީގެ އަންސް ދެއްކެވި ވާހަކައަށް ތާއީދުކުރައްވާ ކަމަށާއި އެ މާއްދާގެ (ކ) ގެ ގޮތުގައި ގެންނަން ހިމަނާފައިވާ އިސްލާހުގެ އިތުރުން އެ މާއްދާގެ (ހ) އާއި (ޅ) އޮތް ގޮތަށްވެސް ތާއީދު ނުކުރައްވާ ކަމަށެވެ. އެ މާއްދާގެ (ހ) އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ މެންބާޝިޕްގެ އަސްލަކަށް ބަލަންވާނީ އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުކުރެވިފައިވާ ސިޔާސީ ޕާޓީގެ މެންބަރުންގެ ދަފްތަރަށް ކަމަށެވެ.

ޝިޔާމު ވިދާޅުވީ ސިޔާސީ ޕާޓީތަކުން އަމަލުކުރަން އަދި ބަލަންވާނީ ޕާޓީތަކުގައި އޮންނަ ދަފްތަރަށް ކަމަށެވެ. އެނޫން ގޮތަކަށް ތާއީދުނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕާޓީތަކުން އީސީއަށް ފޮނުވާ މެންބަރުކަމުގެ ފޯމުތައްވެސް ޕްރޮސެސް ނުކުރެވި، ލަސްވުމުގެ ސަބަބުން ކަންކަން ގަނޑުބަޑުވެ މެންބަރުން ޕާޓީތަކުގެ ދަފްތަރަށް ނާރާ ތިން، ހަތަރު، ފަސް މަސް ވާއިރު އީސީގެ ދަފްތަރަށް ބަަލައިގެން ޕާޓީތަކުގެ ކަންތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެކަމުގެ އުނދަގޫތައް ބޮޑަށް ދިމާވާނީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ކަމަށްވެސް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް ވިދާޅުވީ މެންބަޝިޕް އިތުރުކުރުމުގެ ކަންތައް ޕާޓީތަކުން އަތޮޅު ތެރޭގައި ހިންގާ އިރު، ވަންނަ ހިތުން ބައެއް މީހުން ޕާޓިއަށް ވަންނައިރުވެސް، ބައެއް ފަހަރު އެފަދަ ފަރާތްތަކުން ފިންގަޕްރިންޓް ޖެހިފައި އޮންނަގޮތުން ދިމާވާ މައްސަލަތައް ހުންނަ ކަމަށާއި އެހެން އެކަން އޮއްވައި އީސީގެ ދަފްރަތަށް ބަަލައިގެން ކަންކަން ހަމަޖެއްސުން އުނދަގޫވާނެ ކަމަށާއި ޕާޓީތަކުގެ ކަންތައް ކުރިއަށްގެންދަން ޖެހޭނީ ޕާޓީތަކުގެ ދަފްތަރަށް ބަލައިގެން ކަމަށެވެ.

ނަމަވެސް އީސީން ކުރިއަށްގެންދާ ކަންތައް ކުރިއަށްގެންދާނީ އީސީގެ ދަފްތަރަށް ބަލައިގެން ކަމަށް ކަނޑައެޅުމުން އެ މައްސަލައިގައި އީސީއަށް ދިމާވެފައިވާ މައްސަލައަށް ހައްލު ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އެ އިސްލާހަކީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކަށް އިލެކްޝަންސް ކޮމިޝަނުން ވަދެ ނުފޫޒު ފޯރުވުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

ސިޔާސީ ޕާޓީތައް އުފެދުނީއްސުރެ، އިސީއާ މެދު އެންމެ ބޮޑަށް އުފެދިފައިވާ މައްސަލައަކީ ދަފްތަރުގެ މައްސަލަ ކަމަށާއި އެ މައްސަލަ ނުޖެހޭ އެއްވެސް ސިޔާސީ ޕާޓީއެއް ނެތް އިރު އަދި މިއަދާ ހަމައަށް ވެސް އެކަމަށް ހައްލެއް ގެނެވިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ޕާޓީތަކުގެ އެތެރޭގެ ހަރަކާތްތައްވެސް ހިންގަނީ ބަލަންޖެހޭ ހުރިހާ ކަންތައް ބެލުމަށް ފަހުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އެ އިސްލާހު ގެންނަން ހުށަހެޅި ސަބަބާ ބެހޭގޮތުން އެމްޑީޕީން ސުވާލުކުރުމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ އެ ސަބަބު ވިދާޅުވެދެއްވައިފައެވެ.