އިންޑިއާގެ ނޭވީން ރާއްޖޭގެ އަސްކަރިއްޔާއަށް ދޭން ނިންމި ޑޯނިއާ އެއާކުރާފްޓް ރާއްޖެ ގެނެސްފި އެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ ހަނިމާދޫ އެއާޕޯޓްގައި ބާއްވާ އެ ބޯޓު ރާއްޖެ އައިސްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. މި ފްލައިޓް ރާއްޖޭގައި އުދުހޭނީ ރާއްޖޭގެ ދިދަ އާއި ކުލަތަކާއެކު ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ، ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ ސަަވައިލެންސްގެ މަސައްކަތުގައި ބޭނުންކުރުމަށް ޑޯނިއާއެއް ހޯދުމަށް އިންޑިއާ ސަރުކާރާއެކު މީގެ ކުރީ ސަރުކާރުތަކުން ވެސް މަޝްވަރާތަކެއް ކުރި ކަމަށެވެ.

އެގޮތުން ޑޯނިއާ މެރިޓައިމް ސަވައިލަންސް އެއާކްރާފްޓެއް ހޯދުމަށް އެންމެ ފުރަތަމަ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ 2016 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ކަމަށާއި ނަމަވެސް އެކަން ތަންފީޒު ކުރެވިގެން ނުދިޔަ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ މި ބޯޓު ދުއްވުމަށް 2017 ވަނަ އަހަރުން ފެށިގެން ދިވެހި ޕައިލެޓުން ތަމްރީން ކުރަމުން އައިސްފައިވާ ކަމަށާއި އެގޮތުން މިހާތަނަށް ޕައިލެޓުންނާއި އެއާ އޮބްޒާވަރުން އަދި އިންޖިނިއަރުން ހިމެނޭ ގޮތަށް ހަތް މީހަކު ތަމްރީނު ކޮށްފައިވާ ކަމަށެވެ. އަދި ބޯޓު ދުއްވާނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށާއި ބޯޓުގެ މެއިންޓެނެންސް އާއި އެހެނިހެން ހަރަދުތައް ބަލަހައްޓާނީ އިންޑިއާއިން ކަމަށް ވެސް ހައި ކޮމިޝަނުން މައުލޫމާތުދެ އެވެ.

އެމްއެންޑީއެފުން ބުނީ މި ބޯޓު ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި ރާއްޖޭގެ މަސްކަނޑުތަކުން ގަވާއިދާ ހިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓާކުރުމަށް ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސް އާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރި އާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި ކަނޑުމަތީގައި ހާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި އެއްތަނުން އަނެއް ތަނަށް ބަލި މީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވެސް މި ބޯޓު ބޭނުންކުރާނެ ކަމަށް ބުންޏެވެ.

އިންޑިއާއިން މީގެ ކުރިން ވަނީ ރާއްޖެއަށް ދެ ހެލިިކޮޕްޓަރު ހަދިޔާކޮށްފަ އެވެ. އެ ދެ ހެލިކޮޕްޓަރު އޮޕަރޭޓުކޮށް މެއިންޓެއިން ކުރުމުގައި ހަރަކާތްތެރި ވަނީ ވެސް އިިންޑިއާ އަސްކަރިއްޔާއިންނެވެ. ނަމަވެސް ހެލިކޮޕްޓަރު ދުއްވުމަށާއި އޮޕަަރޭޝަނުގައި ދިވެހި ސިފައިންނާއެކު އިންޑިއާ ސިފައިން ވެސް ބައިވެރިވެ އެވެ.