މިހާރު މިއޮތް ކޯވިޑް 19ގެ ހާލަތުގައި ޔޫއެފާ ޗެމްޕިއަންސް ލީގު މެޗުތައް ކުޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ޑޯޓުމަންޑްގެ ސްޕޯޓިން ޑިރެކްޓަރު މައިކަލް ޒޯކް ބުނެފިއެވެ.
ޒޯކް އެހެން ބުނެފައި ވަނީ އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހު ޔޫއެފާ ޔޫރޮޕާ ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ގުރުއަތުލުން ބޭއްވުމަށް ޔޫއެފާއިން ތައްޔާރުވަމުން ދަނިކޮށެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުގައި ކޯވިޑް 19ގެ ކޭސްތައް މިހާރު ދަނީ އަނެއްކާވެސް އިތުރުވަމުންނެވެ.
ގައުމުތަކުގައި ކޮވިޑް 19އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް މަޑުމަޑުން ލުއިތައް ދެމުންދާއިރު، އެ ލުއިތަކުގެ ސަބަބުން ބަލި ފެތުރުން ވަނީ އަނެއްކާވެސް އިތުރުވެފައެވެ. ޔޫރަޕްގެ ބޮޑެތި ބައެއް ލީގުތަކުގެ މެޗުތަކަށްވެސް މިހާރު ކޮންމެވެސް ވަރަކަށް ސަޕޯޓަރުން ވައްދަމުން އަންނައިރު، އެންމެފަހުން ސެވިއްޔާ އާއި ބަޔާން މިއުނިކް ކުޅުނު ސުޕަ ކަޕް ފައިނަލަށްވެސް 15،180 ސަޕޯޓަރުން ވަނީ ވައްދައިފައެވެ.
ހަންގޭރީގެ ބުޑަޕެސްޓްގައި އެ މެޗު ކުޅުނީ 67،000 ސަޕޯޓަރުންގެ ޖާގަ އޮންނަ ޕުސްކަސް އެރީނާގައެވެ. އެ މެޗު ކުޅުނުއިރުވެސް ހަންގޭރީގެ ވެރިރަށް ބުދަޕެސްޓްގައި ކޮވިޑް 19 ވަރަށް ބޮޑަށް އިތުރުވަމުންދިޔަ ކަމަށް ރިޕޯޓްތަކުން ބުނެފައި ވެއެވެ. ކޭސްތައް އިތުރުވި ނަމަވެސް އެކަމަށް ބެލުމެއް ނެތި ޔޫއެފާއިން ސުޕަ ކަޕަށް ސަޕޯޓަރުން ވެއްދި ވެއްދުމަށް ބައެއް ކްލަބުތަކުން ވަނީ ފާޑުވެސް ކިޔައިފައެވެ.
"މެޗުތައް ކުޅުވުމަށް ޔޫއެފާއިން ބޭނުންވި ނަމަވެސް، މެޗު ކުޅުމަށް ގައުމުތަކަށް ދަތުރުކޮށް، މެޗުތައް ކުޅޭނެ ގާނޫނީ ހަމައެއް ބޭނުންވޭ. ވަރުގަދައަށް ކޮވިޑް 19 ފެތުރިފައިވާ ސިޓީތަކުގައި މެޗުތައް ކުޅެން މިޖެހެނީ. އެހެންވީމާ ބުދަ ދުވަހު ކުޅެފަ ހޮނިހިރު ދުވަހު ލީގު ކުޅެން ކުޅުންތެރިން ބޭނުންވާނެ. އެއްވެސް ކޭހެއް އައިސްފި ނަމަ އެކަމެއް ނުވާނެ،" ޑޯޓުމަންޑުގެ ޑިރެކްޓަރު ޒޯކް ބުނެފައި ވެއެވެ.
ބުންޑަސް ލީގާއި އިޓަލީ އަދި ފްރާންސް ލީގަށްވެސް ކޮންމެ މެޗަކަށް ސަޕޯޓަރުންގެ 20 ޕަސެންޓް ވައްދާއިރު، ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ޔޫއެފާއިންވެސް ބޭނުންވަނީ ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގުގެ މެޗުތަކަށް އެ އުސޫލު ބޭނުން ކުރުމަށެވެ. އެހެން ނަމަވެސް އެކަމަށް އަދި އެއްވެސް ރަސްމީ ވާހަކައެއް ދެކެވިފައެއް ނުވެއެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖު އޮކްޓޯބަރު 20 އިން ޑިސެންބަރު ނުވައަކާ ހަމައަށް ކުރިއަށްދާން ނިންމާފައިވާ އިރު، ޔޫރޮޕާ ލީޑު ޝެޑިއުލް ކޮށްފައި ވަނީ އަންނަ މަހު 22 އިން ޑިސެންބަރަށެވެ. މިދިޔަ ސީޒަންގެ ފަހު ބައިގައި ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގުގެ މެޗުތައްވެސް އެއް ގައުމެއްގައި ކޭމްޕް ކޮށްގެން ކުޅުނުއިރު މި އަހަރުގެ ސީޒަން އެތަކެއް ދަތުރުތަކަކާއެކު ކުރިއަށް ގެންދެވޭނެ ކަމާ މެދު ބޮޑެތި ސުުވާލުތަކެއް އެބަހުއްޓެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު