ކުޅިވަރު

ޗެމްޕިއަން ލިވަޕޫލުން އާސެނަލްއަށް ސައިޒު ދައްކާލައިފި

މުޙައްމަދު ޝަމްޢޫން

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލުން އާސެނަލް ބަލިކޮށް ސައިޒު ދައްކާލައިފި އެވެ.

ރޭ އެންފީލްޑްގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ. މެޗުގައި އާސެނަލްއިން ފުރަތަމަ ގޯލް ޖެހި ނަމަވެސް، ފަހަތުން އަރައި ލިވަޕޫޫލުން ވަނީ ތިން ގޯލް ޖަހައިފައެވެ. މެޗު ޑޮމިނޭޓް ކޮށްގެން ލިވަޕޫލް ކުޅުނުއިރު، ރޭގެ މެޗު ވެގެންދިޔައީ އާސެނަލްއަށް އުނދަގޫ މެޗަކަށެވެ.

ސީޒަން ހުޅުވުމަށް ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގައި އާސެނަލްއިން ލިވަޕޫލް ބަލިކުރިއިރު، އޭގެ ފަހުން އާސެނަލްއިން ޕްރިމިއާ ލީގާއި ލީގު ކަޕްގައި ކުޅުނު މެޗުތަކުންވެސް ވަނީ މޮޅުވެފައެވެ. ލިވަޕޫލުންވެސް މިހާތަނަށް ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާއިރު، ރޭގެ މޮޅާއެކު ލިވަޕޫލުން ވަނީ ހޯމްގައި އެންމެފަހުން ކުޅުނު 61 މެޗުން ބަލި ނުވެ ރެކޯޑު ދަމަހައްޓައިފައެވެ.

ރޭގެ މެޗުގެ 25 ވަނަ މިނެޓުގައި އާސެނަލްއިން ވަނީ ލީޑު ނަގައިފައެވެ. އަރިމަތިން މައިޓްލޭންޑް ނައިލްސް ނަގައިދިން ހުރަސް ލިވަޕޫލްގެ ޑިފެންޑަރު އެންޑީ ރޮބަޓްސަންގެ ފައިގައި ޖެހި އޭރިއާ ތެރެއަށް ވެއްޓުނުއިރު، އެ ބޯޅައިގެ ފައިދާ ނަގައި ގޯލަށް ވައްދާލީ އެލެކްސެންޑްރާ ލަކަޒެޓެވެ.

އެ ގޯލަށް މާ ގިނައިރެއް ނުވެއެވެ. ލިވަޕޫލްގެ ސަޑިއޯ މާނޭ ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަރިމަތިން އޭރިއާ ތެރެއަށް ވަދެ ލިވަޕޫލްގެ މުހައްމަދު ސަލާހް ފޮނުވާލި ހަމަލާ އާސެނަލްގެ ގޯލްކީޕަރު ލެނޯ އަތުން ޖަހައި ބޭރުކޮށްލި ނަމަވެސް، ރީބައުންސް ފުރުސަތު ލިބުނީ މާނޭއަށެވެ. މާނޭ އުނދަގޫ ކަމެއްނެތި ބޯޅަ ގޯލަށް ވައްދާލިއެވެ.

ލިވަޕޫލުން މެޗު ޑޮމިނޭޓްކޮށް، ކުރިއަށް ޖެހި، އާސެނަލްގެ ޑިފެންސަށް ޕްރެޝަރު ކުރިއެވެ. އާސެނަލްގެ ފަހަތުން ޖަހާ ޕާސްތައް ހުއްޓުވުމަށް ލިވަޕޫލުން ކުރިއަށް ޖެހި ޕްރެސްކުރިއިރު، އާސެނަލް ފަހަތުން ކުރިއަށް އެއްލާ ކޮންމެ ބޯޅައެއް ކަހަލަ ގޮތަކަށް ލިވަޕޫލްގެ ފަހަތުން ނޫނީ މެދުތެރެއިން ވަނީ އަތުލައިގެންފައެވެ.

ލިވަޕޫލުން ވަރަށް ބޮޑަށް ކުރިއަށް ޖެހި ޑިފެންސް ކުރުމުން އާސެނަލްގެ ހަލުވި ފޯވަޑުން ކަމަށްވާ ލަކަޒެޓާއި އަބަމަޔާންއަށް މަދު ފަހަރެއްގައި ކައުންޓާ އެޓޭކް ފުރުސަތުތައް ލިބުނެވެ. އެހެން ނަމަވެސް އެ ފުރުސަތުތައް ނިންމާލުމުގައި އާސެނަލް ފެނުނީ ވަނދުކޮށެވެ. ލަކަޒެޓަށް ހުސްކޮށް ލިބުނު ފުރުސަތު ލިވަޕޫލް ގޯލްކީޕަރު އެލިސަން ބެކާއާ ދިމާލަށް ފޮނުވާލިއިރު، އަބަމަޔާންއަށް ލިބުނު ފުރުސަތު ގެއްލުވާލީ އޭރިއާ ތެރެއިން ޕާހެއް ޖަހަން މަސައްކަތް ކުރަނިކޮށެވެ.

ރޭގެ މެޗުގައި އާސެނަލްގެ ވިލިއަން ފަރާތުންވެސް ދަށް ކުޅުމެއް ފެނިގެންދިޔައިރު، ހާފް ނިމުމުގެ ކުރިން ލިވަޕޫލުން ލީޑު ނަގަން ޖެހި ގޯލްގައިވެސް އޭނާގެ އިހުމާލު ބޮޑެވެ. ކަނާތް ފަޅިން އާނޯލްޑް ނެގި ހުރަސް، ވާތް ފަޅިން ރޮބަޓްސަން ކުރިއަށްއަރައި، ފޮނުވާލީ ސީދާ ގޯލަށެވެ. ރޮބާޓްސަންއާއެކު ވިލިއަން ފަހަތަށް ނުޖެހުމުން އެކަމުގެ ފައިދާ އޭނާ ވަނީ މެޗުގައި ގިނަ ފަހަރުމަތިން ނަގައިފައެވެ.

ލިވަޕޫލަށް ރޭގެ މެޗުގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ 40 މިލިއަން ޕައުންޑަށް އެ ޓީމަށް ގެންދިޔަ ޑިއޭގޯ ޔޮޓާއެވެ. މިއީ އޭނާ ލިވަޕޫލް ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ. މި ސީޒަނަށް އަލަށް ގެންދިޔަ ތިއާގޯ އަލްކަންޓްރާ ރޭގެ މެޗުގައި ފެނިފައެއް ނުވެއެވެ.