ކޮވިޑް ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އެޅުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިންގަނޑެއްގެ ގޮތުގައި ބަލާ "ޕްރިއޮރިޓީ އީޒް ޕްލޭން އިންޑިކޭޓާ ސްކޯ" ހަތަރަކަށް ދަށްވެފައިވާ ކަމަށް އެޗްޕީއޭގެ އެންމެ ފަހުން އާންމުކުރި ހިސާބުތަކުން ދައްކައިފިއެވެ.
ޕްރިއޮރިޓީ އީޒް ޕްލޭން އިންޑިކޭޓާ ސްކޯގެ ހަތަރެއްގެ މާނައަކީ "މޫވް އޭސް އިން އީޒް ޕްލޭން" ނުވަތަ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދީގެން ކުރިއަށްދެވޭނެ ކަމެވެ. ޕްރިއޮރިޓީ އީޒް ޕްލޭން އިންޑިކޭޓާ މިދިޔަ މަހު ހުރީ ނުވައެއްގައެވެ. އަދި ދިހައަކަށް އަރައިފިނަމަ ލޮކްޑައުން ކުރަންޖެހޭނެ ކަމަށް އެޗްޕީއޭގެ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
ޖުލައި މަހުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ޕްރިއޮރިޓީ އީޒް ޕްލޭން އިންޑިކޭޓާ ސްކޯ ހުރީ ހަތަރަކާއި އަށަކާ ދެމެދުއެވެ. އެއީ "ރެސްޓްރިކްޓެޑް މެޝާސް" މިންގަނޑަށެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ހިސާބުތަކަކީ މިމަހުގެ 16 އިން 22އާ ދެމެދު ފެނިފައިވާ ކޭސްތަކުގެ އަދަދަށް ބިނާކޮށްފައިވާ ހިސާބުތަކެކެވެ. އެގޮތުން ގުޅުމެއް ނެތް ކޭސްތަކުގެ އަދަދުވެސް ވަނީ 29 އަށް ވެއްޓިފައެވެ. އެ އަދަދު މިމަހު ކުރީކޮޅު ހުރީ 34 ގައެވެ. ކޭސްގެ އަދަދު ދެގުނަވާ މިންވަރު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ކޭސް ޑަބަލްވާ މިންވަރު މިމަހު ކުރީކޮޅު ހުރީ 58 ގައެވެ. ނަމަވެސް މިހާރު އެ އަދަދު 102 އަށް ވަނީ އަރައިފައެވެ.
މީގެ އިތުރުން ފުލޫ ކްލިނިކް ތަނުން ޕޮޒިޓިވްވާ އަދަދުވެސް ވަނީ މިމަހު ކުރީކޮޅާ އަޅާބަލާއިރު ދަށްވެފައެވެ. އެގޮތުން މިމަހު ކުރީކޮޅު 13 ޕަސެންޓުގައި ހުރި އިރު، އެ އަދަދު މިހާރު ވަނީ 10 ޕަސެންޓަށް ދަށްވެފައެވެ. އަދި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ އެނދުގެ އަދަދުވެސް ވަނީ 45 އަށް ދަށްވެފައެވެ.
ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ މިދިޔަ ހަފުތާގައި ވިދާޅުވީ މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި ބަލީގެ ޓްރެޖެކްޓްރީ ދައްކާ ގޮތުން ބަލި ޖެހޭ މީހުންގެ އަދަދު ހުރީ ދަށްވާ ގޮތަށް ކަމަށާއި ނަމަވެސް ކޮވިޑުގެ ކޭސްތައް ދަށްވާ އަވަސްމިން ލަސްވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ އަދިވެސް ކޮވިޑުގެ ގްރީން ޒޯނަށް ނުދާ ކަމަށާއި އެހެންކަމުން ހުރިހާ ލުޔެއް ދިނުން ރައްކާތެރި ނޫން ކަމަށެވެ. ލުއިތައް ދީފިނަމަ އަލުން ބަލި ފެތުރިގެން ހިނގައިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޭސްތަކުގެ އަދަދު މިހާރު ދަށްވަމުން އަންނަ އިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވީ 59 މީހެކެވެ. އެއާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 10،157 އަށް ވަނީ އަރައިފައެވެ. މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 1166 މީހަކަށެވެ.
ކޮވިޑް ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުވެފައިވާ އިރު، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 196 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 8950 އަށް ވަނީ އަރައިފައެވެ.
އައިސޮލޭޝަން ފެސިލިޓީތަކުގައި 612 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 82 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 34 މީހަކު ވަނީ މަރުވެފައެވެ. އެއީ 28 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ޚަބަރު
ޚަބަރު