ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 24 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 38 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 21،295 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. އަދި މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި 4582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް މިދިޔަ އަހަރުގެ އޮގަސްޓު 26ގައި އެމްޓީސީސީއާ ހަވާލުކުރީ 51.72 މިލިއަން ރުފިޔާއަށެވެ.

އެ މަޝްރޫއުގެ މަސައްކަތް 400 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރިި އިރު، އެ މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އެވެ.