ޔޫތު މިނިސްޓްރީން 13 ރަށެއްގައި ތަރައްގީކުރަމުން އަންނަ ދަނޑުތަކަށް ޓާފް ގެންނަން މިއަދު ހަވާލުކޮށްފިއެވެ.

މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ވީ.އޭ.އެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ވީއޭއެމްކޯ) އާއެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު މަހުލޫފެވެ. އަދި ވީއޭއެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒުބައިރެވެ.

މި 13 ރަށުގެ ދަނޑުގައި ޓާފް އެޅުމަށް އެވޯޑް ކުރެވިފައިވަނީ 38.2 މިލިއަން ރުފިޔާއަށެވެ. ކޮންމެ ލޮޓެއްގެ މަސައްކަތް ވެސް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކޮންޓްރެކްޓުގައި ވަނީ ބަޔާންކޮށްފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު މަހުލޫފު ވިދާޅުވީ ޓާފް ގެނައުމަށް ހަވާލުކުރެވުނީ 10 ވަރަކަށް މަސް ދުވަސް ވަންދެން ޓެންޑާ ބޯޑުގައި އެކަން އޮތުމަށްފަހުގައި ކަމަށާއި އެކަން ހަވާލުކުރެވުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ބޮޑު ފުޓުބޯޅަ ދަނޑުތައް އެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެއް ކަމަށާއި ރާއްޖޭގެ ދަނޑުތައް ފުރާލުމުގެ ވައުދު ފުއްދުމަށް ބައްލަވަނީ މާލެއަށް އެކަނި ނޫން ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޅިވަރު ފެސިލިޓީތައް ތަރައްގީކޮށް، ދަނޑުތައް ފުރާލުމުގެ ވައުދަކީވެސް ރާއްޖޭގެ އަތޮޅުތެރޭގެ ދަނޑުތަކާ ވެސް އެކުގައި ވެފައިވާ ވައުދެއް ކަމަށް މަހުލޫފު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ލީގު ހޯމް އެންޑް އަވޭ އުސޫލުން އަތޮޅުތަކަށް ފުޅާކުރުމަކީ ސަރުކާރުގެ ވިސްނުން ކަމަށާއި އެކަމަށްޓަކައި މި ދައުރުގައި 100 ވަރަކަށް ބޮޑު ދަނޑު އެޅިގެންދާނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ. އަދި އެކަމަށް ފަހިކުރުމަށް މިއަހަރުވެސް ސަރުކާރުން ޖަޒީރާ ކަޕް އިއުލާންކުރި ނަމަވެސް، ކޮވިޑް 19އާ ގުޅިގެން އެ މުބާރާތް ކުރިއަށްގެންދެވޭ ގޮތް ނުވި ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިހާތަނަށް އައިއިރު މިނިސްޓްރީން ވަނީ ފަސް ރަށެއްގެ ދަނޑުގެ މަސައްކަތް ނިންމާލައިފައެވެ. މިނިސްޓަރު ވިދާޅުވީ މިއަހަރު ނިމޭއިރު 14 ދަނޑު، އަދި އަންނަ އަހަރު ނިމޭއިރު 50 އާ ގާތް ކުރާ އަދަދަކަށް ރާއްޖޭގައި ދަނޑުތައް އަޅާ ނިންމައިލެވޭނެ ކަމަށެވެ.

މިއަދު ޓާފް ގެނައުމަށް ހަވާލުކުރެވުނު ދަނޑުތައް ނިސްބަތްވާ ރަށްތަކަކީ ށ. ފުނަދޫ، ށ. ފޯކައިދޫ އަދި ށ. މިލަންދޫ، ނ. ކުޑަފަރި އަދި ނ. ވެލިދޫ، ޅ. އޮޅުވެލިފުށި، ރ. ދުވާފަރު، ރ. މާކުރަތު، ކ. މާފުށި، ކ. ގުޅި، ކ. ގުރައިދޫ، އއ. ރަސްދޫ އަދި ވ. ކެޔޮދޫއެވެ.