މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަހުމަދު އަޝްފާން، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް މިއަދު ބަދަލުކޮށްފިއެވެ.

އަޝްފާން އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

އޭނާ ޔޫތު މިނިސްޓްރީގެ ސިޔާސީ މަގާމަކަށް ބަދަލުވެވަޑައިގަތުމާ ގުޅިގެން، އިމިގްރޭޝަނުން ވަނީ އޭނާ އެ މުއައްސަސާއަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފައެވެ.

އޭނާ ވަނީ އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި މެދުނުކެނޑި 19 އަހަރު ދުވަހު ހިދުމަތް ކުރައްވާފައެވެ. ސިވިލް ސާވިސްގެ ވަޒީފާއިން ސިޔާސީ މަގާމަކަށް އޭނާ ފުރަތަމަ އައްޔަންކުރެވުނީ މި ސަރުކާރުގައެވެ.

އަޝްފާންވަނީ މީގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުއްވައި، ރާއްޖޭގެ މަޝްހޫރު ބައެއް ކުލަބުތަކުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ.