ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ގުޅިގެން ކުރިއަށްގެންދިޔަ "މެރިއަޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގެ ތިންވަނަ ބުރުން 40 ބައިވެރިން ދަސްވެނިވެއްޖެ އެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިސްނަގައިގެން، ވަޒީފާ ދޭ ފަރާތްތަކާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިންގާ ޕްރޮގްރާމެކެވެ.

މީގެ ބޭނުމަކީ ދިވެހި ޒުވާނުންނަށް އަމަލީ ހުނަރާއި، ދާއިރާގެ ތަޖުރިބާގެ އިތުރުން ގައުމީ ފެންވަރުގައި ބަލައިގަންނަ ސަނަދުތައް ހޯދައިދިނުމެވެ. މި ޕްރޮގްރާމްގައި މަސައްކަތްތެރިކަމުގެ އަމަލީ ތަމްރީނުތަކުގެ އިތުރުން ކްލާސްރޫމް އަދި އޮންލައިން ކިޔެވުން ހިމެނޭތީ، މިއީ ތައުލީމާއި ވަޒީފާގެ ބާޒާރާ ދެމެދު ހުރި ފަރަގު ކުޑަކުރުމަށް ލިބޭ ބޮޑު ބާރެކެވެ.

މެރިއަޓްގެ މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމު ބައިތަކަކުން ތަމްރީނު ހާސިލްކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ކޮމާޝަލް ކުކަރީ (ކައްކަން ދަސްކޮށްދިނުން)
  • ފުޑް އެންޑް ބެވަރޭޖް ސަރވިސަސް
  • ފްރަންޓް އޮފީސް ސާވިސަސް
  • ހައުސްކީޕިންގ
  • ލޯންޑްރީ އޮޕަރޭޝަންސް
  • އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓެނަންސް

ޔޫތު މިނިސްޓްރީ ބުނީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައި ބޭއްވި މި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތަލާލްއެވެ.

އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި ކޮމިޝަނާ އޮފް ސްޕޯޓްސް ވިދާޅުވިގޮތުގައި، ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމުގައި ހުނަރު ތަރައްގީކުރުމުގެ މުހިންމުކަންކަމަށާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަކީ އަމަލީ ތަޖުރިބާ އާއި ދާއިރާއަށް ބޭނުންވާ ގާބިލުކަން ފޯރުކޮށްދީ، ޒުވާނުން ވަޒީފާގެ މާހައުލަށް ތައްޔާރުކޮށްދޭ މުހިންމު ވަސީލަތެކެވެ.

ކޮމިޝަނަރުގެ ވާހަކައިގައި، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގުމުގައި ބައިވެރިވި މެރިއަޓް އިންޓާނޭޝަނަލް މޯލްޑިވްސް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)، ޓްރެއިނަރުން އަދި މެންޓަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. ދިވެހި ހުނަރުވެރިން އުފެއްދުމަށާއި ގައުމީ ފެންވަރުގައި މަސައްކަތްތެރިން ބިނާކުރުމަށް އެފަރާތްތަކުން ދެއްވާ އެއްބާރުލުން ބަލައިގަންނަވާކަމަށް ވިދާޅުވިއެވެ.