ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން މަރާލި މައްސަލައާ ގުޅިގެން ގަސްތުގައި މީހަކު މަރާލިކަމުގެ ކުށުގައި ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށް ކުރާ ދައުވާގެ މިއަދު ބާއްވަން ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.
ކުރިމިނަލް ކޯޓުން ބުނި ގޮތުގައި މިއަދު ހެނދުނު 10:00 އަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކުރީ އަދުހަމުގެ ގާނޫނީ ވަކީލަށް ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެވެން ނެތުމުން ކަމަށެވެ.
ތޫނު އެއްޗަކުން ހަމަލާދީ އުމުރުން 49 އަހަރުގެ ގާސިމު މަރާލާފައިވަނީ، ޑިސެމްބަރު 4، 2019 ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭނާގެ މަރާ ގުޅިގެން އުމުރުން 21 އަހަރުގެ އަދުހަމް ހައްޔަރުކުރީ ޑިސެމްބަރު 19 ވަނަ ދުވަހު އެވެ.
މި މައްސަލަ ތަހުގީގު ކުރުމަށްފަހު، ދައުވާކުރުމަށް ހުށަހެޅި ފުލުހުންގެ ރިޕޯޓުގައި ފައިސާތަކެއް ފޭރިގަތުމަށް ތޫނު އެއްޗަކުން ހަމަލާދީ ގާސިމު މަރާލި ކަމަށް އަދުހަމް އިއުތިރާފުވެފައިވާ ކަމަށް ބުނެފައިވީ ނަމަވެސް، މި މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި އޭނާ ވަނީ އެކަމަށް އިންކާރު ކޮށްފަ އެވެ.
މިއަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު ބޭއްވި އެ އަޑުއެހުމުގައި އަދުހަމު ބުނީ ގާސިމު މަރާލީ ގަސްދުގައި ނޫން ކަމަށާއި އޭނާ މަރާލި ކަމަށް އޭރު އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރުމުން ކަމަށެވެ. އަދި އެދުވަހު އޭނާ ކޯޓަށް ގެނައީ މަސްތުވާތަކެތި ދީގެން ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އޭގެ ކުރިން، ފެބްރުއަރީ 13 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ ގާސިމު މަރާލި ކަމަށް އިއުތިރާފުވެފަ އެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން، އެ ދައުވާ ސާފުވެއްޖެތޯ އާއި ދައުވާއާ މެދު ބުނަނީ ކީކޭތޯ ގާޒީ ސުވާލު ކުރެއްވުމުން އަދުހަމު ބުނީ ދައުވާ ވަރަށް ސާފު ކަމަށާއި އެއީ އޭނާ ކުރި ކަމެއް ކަމަށް ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު