އިޓަލީ ލީގުގައި ރޭ ޔުވެންޓަސް އިން ރޯމާއާ ދެކޮޅަށް ކުޅުނު މެޗު 2-2ގެ ނަތީޖާއަކުން އެއްވަރު ވެގެން ނިމުނު އިރު، މެޗުގައި ޔުވެންޓަސްއަށް ދެ ގޯލު ވެސް ޖަހައިދިނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޯމާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ދެވަނަ ހާފުގައި ޔުވެންޓަސްގެ ރެބިއޮޓަށް ރަތް ކާޑު ދައްކާފައިވާ އިރު، ރޮނާލްޑޯގެ ދެވަނަ ގޯލަކީ ރަތް ކާޑަށް ފަހު ޖެހި ގޯލެކެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނެފައިވަނީ ރޭގެ މެޗުން ލިބުނީ މުހިންމު ޕޮއިންޓެއް ކަމަށާއި ރަތް ކާޑާއެކު އުނދަގޫ ހާލަތަކަށް ދިޔުމުން ވެސް ޓީމުން ކުރި ހިތްވަރު ފާހަގަކުރެވޭ ކަމަށެވެ.

"އުނދަގޫ ޕޮއިންޓެއް ލިބުނީ. ރަތް ކާޑާއެކު އުނދަގޫ ހާލަތަކަށް ދިޔުމުން ވެސް ޓީމުން އަނބުރާ މެޗު ތެރެއަށް ވަން. އެހެންވީމަ ލީގުގެ ފަހުކޮޅަށް ދާއިރު މި ޕޮއިންޓް މުހިންމު ވާނެ. މިއީ އާ ސީޒަނެއް. އާ ކޯޗެއްގެ ވިސްނުމާއެކު ކުރިއަށް މިދަނީ. އަހަންނަށް ފެނޭ ހިތްހަމަޖެހުމާއެކު ޓީމު މަސައްކަތްކުރާ ތަން. ހުރިހާ ކުޅުންތެރިން ވެސް ބުރަކޮށް މަސައްކަތް ކުރޭ. ޔުވެންޓަސްއަށް މުސްތަގުބަލް ވަރަށް އުޖާލާ،" ރޮނާލްޑޯ ބުންޏެވެ.

މި ސީޒަނަށް ޔުވެންޓަސްއާ ގުޅުނު ފޯވަޑް އަލްވާރޯ މޮރާޓާ ރޭގެ މެޗުގައި ފެނިފައިވާ އިރު، އޭނާގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއްނުވެ އެވެ. ރޭގެ މެޗުގައި ރޯމާއިން ރަނގަޅަށް ކުޅުނު ނަމަވެސް ޕިރްލޯގެ ޔުވެންޓަސް އިން ވަނީ ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން ހިފައިފަ އެވެ. މެޗުގައި ރޯމާއިން ޖެހި ދެ ގޯލު ޖަހައިދިނީ ޖޯޑަން ވަރެޓައުޓް އެވެ.