ފަތުރުވެރިކަމުގެ މަންފާ ރައްޔިތުންނަށް ލިބޭނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ވެރިންނަށް ދިވެހީން ވެގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން މިރޭ ތައާރަފުކުރި "މޯލްޑިވްސް ބޯޑަ މައިލްސް" ޕްރޮގްރާމު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރު ކަމަށްވާ "ފަތުރުވެރިކަމާ ރަށްފުށު ތަރައްގީ" މި ޝިއާރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކާއި އަދި އެޖެންޑާ 19އާ ވަރަށް ބޮޑަށް ގުޅުންހުރި ޝިއާރެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަމުގެ މަންފާ ރައްޔިތުންނަށް ލިބޭނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ވެރިންނަށް ދިވެހީން ވެގެން ކަމަށާއި ފަތުރުވެރިކަމުގެ ވެރިންނަށް ރައްޔިތުންވާނީ އަދާކުރާ ހިތްވާ، ބޮޑެތި މުސާރަ ލިބޭ ވަޒީފާތައް ދިވެހިންނަށް ލިބިގެން ކަމަށެވެ.

"ފަތުރުވެރިކަމުގެ މަންފާ ދިވެހިންނަށް ލިބިގެންދާނީ ފަތުރުވެރިކަމުގެ ވެރިންނަކީ ދިވެހިންނަށްވެގެން. ރަށްރަށުގެ ކުދި ހޮޓާތަކާއި ގެސްޓްހައުސްތައް އަދި ޓޫރިސްޓް ހިދުމަތްދޭ އެހެން ތަންތަން ފައިދާއެއް ލިބޭ ގޮތަށް ހިންގައިގަނެވިގެން. ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިން އަދާކުރާ ހިތްވާ ބޮޑެތި މުސާރަ ލިބޭ ވަޒީފާތައް ދިވެހިންނަށް ލިބިގެން،" މިނިސްޓަރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި މަހު ބޯޑަރު ހުޅުވަން ނިންމާލުމަކީ ރައީސް ސޯލިހު ނިންމެވި ވަރަށް ހިތްވަރުގަދަ، މުހިއްމު ނިންމެވުމެއް ކަމަށާއި އެ ނިންމެވުން ނިންމެވީ ރާއްޖޭގެ އެތެރޭގެ އިގުތިސޯދު ކުރިއެރުވުމަށް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދިޔަ ނަމަވެސް އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާނެ އަހަރަކަށްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މިނިސްޓަރު މައުސޫމް މީގެ ކުރިން ވިދާޅުވީ، އަމާޒަކީ އަންނަ އަހަރު އެއް މިލިއަން ފަތުރުވެރިން ގެނައުން ކަމަށެވެ.

ކޮވިޑް 19ގެ ސަބަބުން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވައި ފަތުރުވެރިން ގެންނަން ފަށާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވި ފަހުން މިހާތަނަށް ރާއްޖެއަށް ވަނީ 16،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ.