ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 16،000 އިން މައްޗަށް އަރައިފިއެވެ.

ފަތުރުވެރިންނަށް އިނާޔަތްތަކެއް ލިބޭ "މޯލްޑިވްސް ބޯޑަ މައިލްސް" ޕްރޮގްރާމް އިފުތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައި، ޖުލައި 15ގައި ބޯޑަރު ހުޅުވާލުމަކީ ރާއްޖޭގެ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ކުރެވުނު އެންމެ މުހިންމު މަސައްކަތް ކަމަށެވެ.

ތޮއްޔިބު ވިދާޅުވީ، ޖުލައި 15ގެ ފަހުން މިހާތަނަށް ރާއްޖެއަށް 17،000 އާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށާއި އުންމީދަކީ މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައުން ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ރާއްޖެ އިސްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް އެމްއެމްޕީއާރުސީން ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް، އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ތޮއްޔިބު ވަނީ ފާހަގަކުރައްވައިފައެވެ.

ކޮވިޑް 19ގެ ސަބަބުން ތިން މަހެއްހާ ދުވަސްވަންދެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށް ފަހު، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައި ފަތުރުވެރިން ގެންނަން ފަށާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު ބަންދުކުރުމާ ހަމައަށް ރާއްޖެއަށް ވަނީ ހަތަރު ލައްކައެއްހާ ފަތުރުވެރިން އައިސްފައެވެ. ސަރުކާރުން މީގެ ކުރިން ބުނީ ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 850،000 ފަތުރުވެރިން ގެނައުން ކަމަށެވެ.