ކުށް ކުރާ މީހުންނާއި ކުށް ކުރުވާ މީހުން ވެސް އެއްވަރަކަށް ޒިންމާވާންޖެހޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖ) ހުސެއިން ޝަމީމު ވިދާޅުވެއްޖެ އެވެ.
ޕީޖީ އެހެން ވިދާޅުވީ، ޒިކުރާ މިސްކިތުގެ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދާއި އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކުރުމަށް މިއަދު ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވި މައްސަލައިގަ އެވެ.
ޕީޖީ ޝަމީމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުށް ކުރާ މީހުންނާއި ކުށް ކުރުވާ މީހުން، އެ ދެބައިވެސް ހަމައަކަށް އަޅުވަންޖެހޭ ކަމަށާއި ދެބައި މީހުން ވެސް އެއްވަރަކަށް ޒިންމާވާންޖެހޭ ކަމަށެވެ.
"ކުރީގެ ބައެއް ވިސްނުން މިހާރު މިއުޅެނީ ދޫކޮށްލަން. މިކަހަލަ ކަންކަން (ކޮރަޕްޝަން ފަދަ) ކަންކަން ކޮށްފައި ސަލާމަތެއް ނުވެވޭނެ. އިރާދަކުރެއްވިއްޔާ، އެންމެން ގުޅިގެން ނަތީޖާ ނެރެވޭނެ،" ޕީޖީ ވިދާޅުވި އެވެ.
ޕީޖީ އޮފީހުން ޒިޔާދުގެ މަައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ދައުވާ ކުރަނީ، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްއާ ހިިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ގާއިމުކޮށް އެ ކުންފުންޏަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ މައްސަލައިގަ އެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލަށްލުމެވެ.
އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ދައުވާ ކުރަނީ، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމެނެން ޖެހޭ މައުލޫމާތު ނެތްއިރު، އެޕްރޮޕޯސަލްތަކާ ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓުގައި އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށްފައިވާތީ އެވެ. އެ ކުށުގެ އަސާސީ އަދަބަކީ ވެސް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލަށްލުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު