ގަވާއިދާއި ހިލާފަށް ޖަލަށް ތަކެތި ވެއްދުމުގައި އެހީތެރިވާކަމަށް ތުހުމަތުކޮށް ވަޒީފާއިން ވަކިކުރި ޕޮލިސް ކޮންސްޓަބަލް ގއ. ވިލިނގިލި، އެޅެހިށި ވިލާ، އަޒުހަރު ރަޝާދުގެ މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އސިްތިއުނާފު ކޮށްފިއެވެ.

މި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށް ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅުއްވަމުން އެޓާނީ ޖެނެރަލް އޮފީސް (އޭޖީ) އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސިލް ހައުމާ ސަނާ ވިދާޅުވީ ސިވިލްކޯޓުންނާއި ހައިކޯޓުން އެ މައްސަލަ ނިންމާފައިވަނީ ބަލަން ޖެހޭ ކަންތައްތަކަށް ނުބަލައި ކަމަށެވެ.

އެގޮތުން ދެ ނުކުތާއެއް ފާހަގަކޮށް އެ މައްސަލައިގައި ހެކި ވަޒަންކޮށްފައިވާ ގޮތާމެދުވެސް ދައުލަތުން ވަނީ ސުވާލު އުފައްދަވައިފައެވެ.

އެ މައްސަލައިގައި ގަވާއިދާ ހިލާފަށް ޖަލަށް ތަކެތި ވެއްދުމުގައި އަޒުހަރު އެހީތެރިވާ ކަމަށް ތުހުމަތު ކޮށްފައިވަނީ ޖަލުން ހޯދި ފޯނަކަށް އަޒުހަރުގެ ފޯނުން މެސެޖަކުން މުއާމަލާތް ކޮށްފައިވާ ކަމަށް ބުނެއެވެ.

އެ ތުހުމަތާ ގުޅިގެން އަޒުހަރު ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެފައިވާ ކަމަށްބުނެ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އޭނާ ވަޒީފާއިން ވަކި ކޮށްފައިވަނީ 30 މެއި 2011 ގައެވެ.

އެ މައްސަލަ އަޒުހަރުގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅުމުން އަޒުމަރުގެ މައްޗަށް ސާބިތު ނުވާކަމަށް ކަނޑައަޅައި އެ ކޯޓުން ކުރި ހުކުމްގައި އަޒުހަރު ރަޝާދަކީ ފުލުހުންގެ ވަޒީފާއިން ވަކި ނުވެ، އެ ވަޒީފާގައި ދެމިހުރި މީހެއް ކަމުގައި ބެލުމަށާއި އޭނާ ވަޒީފާގައި ހުރުމުން ލިބެމުން އައި މުސާރަ އާއި އިނާޔަތްތައް އެގޮތުގައި ލިބިދިނުމަށާއި އެ ދުވަސްތައް ހިދުމަތުގެ ނިސްބަތުން ގުނުމަށާއި އޭނާ ކުރިންވެސް އަދާކުރަމުންދިޔަ ފުލުުހުންގެ ވަޒީފާ 10 ދުވަހުގެ ތެރޭގައި އަނބުރާ އިއާދަކޮށް ދިނުމަށް ހުކުމްކޮށްފައި ވެއެވެ.

ސިވިލްކޯޓުން އެ ހުކުމް ކޮށްފައިވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެ ހުކުމާ ގުޅިގެން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް ހައިކޯޓުންވެސް އެ މައްސަލަ ބެލުމަށްފަހު، ހުކުމް ކޮށްފައިވަނީ ސިވިލްކޯޓުގެ ހުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށެވެ.

ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި މިވަނީ ހައިކޯޓުގެ މި ހުކުމާ ގުޅިގެންނެވެ.