ކުޅިވަރު

ލިވަޕޫލަކީ މުޅިން ތަފާތު ލެވެލްއެއްގެ ޓީމެއް: އާޓެޓާ

ލިވަޕޫލަކީ މިހާރު ތަފާތު އެހެން ލެވެލެއްގެ ޓީމެއް ކަމަށް އާސެނަލް ގެ މެނޭޖަރު މިކޭލް އާޓެޓާ ބުނެފިއެވެ.

ލިވަޕޫލާ ދެކޮޅަށް ނުކުތުމަށް އާސެނަލް ތައްޔާރުވަމުން އަންނައިރު، މެޗުގެ ކުރިން ބޭއްވި ޕްރެސްގައި އާޓެޓާ ބުނެފައި ވަނީ މިދިޔަ ދެތިން އަހަރު ތެރޭގައި ލިވަޕޫލުން އިނގިރޭސި ފުޓުބޯޅައިގެ ލެވެލް، ތަފާތު ބޮޑުތަނުން އުހަށް ގެންގޮސްފި ކަމަށެވެ. އަދި ލިވަޕޫލާ އެއް ލެވެލްއަކަށް ދާން ބޭނުންވާ ނަމަ، އެންމެ ހަފްތާއެއްގައިވެސް ދަށް، ނޫނީ ތަފާތު ކުޅުމެއް ދެއްކޭނެ ޖާގަ ނޯންނާނެ ކަމަށްވެސް އާޓެޓާ ފާހަގަކުރިއެވެ.

"ކޮންމެ ދަނޑަކަށް ގޮސް ކުޅުނަސް ލިވަޕޫލަށް ބަދަލެއް ނާންނާނެ. 3-0 ނޫނީ 4-0ގައި ނަތީޖާ އޮތަސް، ހަމަ އެއް ލެވެލްއެއްގައި ކުޅެމުން ދިޔުމަކީ ލިވަޕޫލްގެ ފެންވަރު. ލިވަޕޫލްގެ ސްކޮޑު އެއްކޮށް ތިބެނީ ތަފާތު ރޫހެއްގައި. އެ މޮޅުވުމުގެ ރޫހު ދެމެހެއްޓުމަކީ މެނޭޖުމަންޓުގެ އެންމެ ބޮޑު ކާމިޔާބީ. ސީޒަންގެ 10 މަސް ދުވަސް ވަންދެން، ކޮންމެ ހަފްތާއަކު ހުރިހާ ކުޅުންތެރިން މިނެޓަކަށްވެސް ފޯކަސް ގެއްލުވާނުލައި ކުޅޭ އެއް ކުޅުމެއް ކުޅުމަކީ އުނދަގޫ ކަމެއް. އެކަން ވާނީ ވަރަށް ބޮޑަށް ތަމްރީނުތަކަށް ބަދަލު ގެނެސް، މުޅި ޓީމު އެކުއެކީ ކުރާ ބޮޑު މަސައްކަތަކުން،" އާޓެޓާ ބުނެފައިވެއެވެ.

އާޓެޓާ އިތުރަށް ބުނީ އޭނާ ކުރިން މަސައްކަތްކުރި މެންޗެސްޓާ ސިޓީންވެސް އެ ލެވެލްއަށް ވާސިލްވެފައިވާ ކަމަށާއި، މިއަދުގެ ހަގީގަތަކީ އާސެނަލްއަށް އަދި އެ ލެވެލްގައި ހިފަހައްޓާލަން އުނދަގޫވާނެ ކަން ކަމަށެވެ. 2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް އާސެނަލްއަށް ލިވަޕޫލްގެ ދަނޑުގައި މޮޅުވެވިފައި ނުވާއިރު، އާޓެޓާ ބުނެފައި ވަނީ މިރޭގެ މެޗަކީ އެޓީމަށް ސީޒަންގެ އެންމެ ބޮޑު އެއް ޗެލެންޖު ކަމަށެވެ.

ޕެޕް ގާޑިއޯލާގެ އެސިސްޓެންޓް ކަމުން ކޯޗިންނަށް ތައާރަފުވި އާޓެޓާ އާސެނަލްއާ ހަވާލުވީ މިދިޔަ ސީޒަންގައެވެ. އާޓެޓާގެ ފަރާތުން ޓީމަށް ކުރިއެރުންތައް ފެންނަމުން އަންނައިރު، އާސެނަލްއިން ކޮމިއުނިޓީ ޝީލްޑް މެޗުގައި ލިވަޕޫލް ބަލިވެސް ކުރިއެވެ. އަދި ސީޒަންގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް އާސެނަލް ވަނީ މޮޅުވެފައެވެ.

އާސެނަލްއާއި ލިވަޕޫލް ވާދަކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ.