ކުޅިވަރު

ވެސްޓް ބްރޮމް އަތް ދަށުން ޗެލްސީ ސަލާމަތްވީ ކިރިޔާ

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗު 3-3ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.

ވެސްޓްބްރޮމްގެ ދަނޑުގައި ރޭ ކުޅުނު މެޗު އެއްވަރުވެގެން ނިމުނިއިރު، މެޗުގެ ފުރަތަމަ ހާފްގައި ވެސްޓް ބްރޮމްއިން ވަނީ ތިން ގޯލްގެ ލީޑެއް ނަގައިފައެވެ. ޗެލްސީން ދެވަނަ ހާފުގައި ތިން ގޯލް ޖަހައި އެއްވަރުކުރިއިރު، ތިންވަނަ ގޯލް ޖެހީ މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ.

މިރޭގެ މެޗަށް ޗެލްސީ ނުކުތީ މިސީޒަނަށް ޓީމާ ގުޅުނު ތިއާގޯ ސިލްވާގެ ކެޕްޓަން ކަމުގެ ދަށުގައެވެ. އާންމުކޮށް ޓީމުގެ ގޯލް ބަލަހައްޓަމުން އަންނަ ކެޕާ އަރީޒާބަލާގާގެ ފޯމް ގެއްލިފައި ހުރުމުން އޭނާގެ ބަދަލުގައި ވިލީ ކަބަލޭރޯ ކުޅެން ނުކުތްއިރު، ޕުލިސިޗާއި ހަކިމް ޒިޔެޗް މިރޭގެ މެޗަށްވެސް ފިޓް ވެފައެއް ނުވެއެވެ. ހަފްތާ ތެރޭގައި ކުޅުނު ލީގު ކަޕްގައި ކުޅެން ނުކުތް ބެން ޗިލްވެލް މިރޭގެ ސްކޮޑުގައި ލެމްޕާޑު ހިމަނައިފައެއް ނުވެއެވެ.

މެޗުގެ ހަތަރުވަނަ މިނެޓުގައި ވެސްޓް ބްރޮމްއިން ލީޑު ނެގިއެވެ. ޗެލްސީގެ ޑިފެންސުން ހެދުނު ގޯހެއްގެ ބޭނުން ހިފައި، ރޮބިންސަން ގޯލް ހުޅުވާލިއިރު، އޭގެ 15 ވަރަކަށް މިނެޓް ފަހުން އޭނާގެ ދެވަނަ ގޯލެއްވެސް ޖެހިއެވެ. ޗެލްސީގެ ކެޕްޓަން ބޭންޑް އަޅައިގެން ހުރި ސިލްވާގެ ފަރާތުން ހެދުނު ގޯހަކުން ރޮބިންސަން ކާމިޔާބުކުރީ ފަސޭހަ ގޯލެކެވެ.

ހާފް ނިމުމުގެ ކުރިން ވެސްޓް ބްރޮމްއިން އިތުރު ގޯލެއް ޖަހައި ޗެލްސީ އުނދަގޫ ހާލަތަކަށް ވައްޓާލިއެވެ. ކޯނަރަކުން އެގޯލް ކާމިޔާބު ކޮށްދިނީ ބާޓްލޭއެވެ.

ދެވަނަ ހާފަށް ނުކުމެ ޗެލްސީން އެޓޭކް ވަރުގަދަ ކުރިއެވެ. ހާއްސަކޮށް މެދުތެރެއިން ރަނގަޅު ޕާސްތަކެއް ޖަހައި ޓީމު ކުރިއަށް ޖެހިލިއެވެ. މެޗުގެ 55 ވަނަ މިނެޓުގައި މޭސަން މައުންޓް ދުރުން ފޮނުވާލި ބާރު ހަމަލާއާއެކު ޗެލްސީން ނަތީޖާގެ ފަރަގު ކުޑަކުރިއިރު، އޭގެ 10 މިނެޓް ފަހުން ހަޑްސަން އޮޑޯއީ ވަނީ ދެވަނަ ގޯލެއް ވެސް ޖަހައިފައެވެ. ދެވަނަ ހާފްގައި ކުޅެން ނުކުތް ހަޑްސަން އޮޑޯއީ އެ ގޯލް ޖެހީ ކައި ހަވާޓްސްގެ ރަނގަޅު ޕާހަކުންނެވެ.

ޗެލްސީން ކުރިއަށް ޖެހި އެޓޭކަކަށްފަހު އެޓޭކެއް އުފެއްދިއިރު، އެޓީމުން އެއްވަރުކުރީ މެޗު ނިމެން ދެ މިނެޓެއް ވެފައި ވަނިކޮށެވެ. އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ޓެމީ އަބްރަހަމް އެވެ.

ޗެލްސީން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. ފުރަތަމަ މެޗުގައި ބްރައިޓަން އަތުން ޗެލްސީ މޮޅުވިއިރު، ދެވަނަ މެޗުގައި ލިވަޕޫލް އަތުން ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ.