ކުޅުދުއްފުށި ސިޓީން އިތުރު ދެ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ "ފާޅު" ބޯޓުގެ ދެ ފަޅުވެރިންނެވެ. އެ ދެ ފަޅުވެރިންނަކީ ވެސް މީގެ ކުރިން އެ ބައްޔަށް ޕޮޒިޓިވްވި އެ ބޯޓުގެ ކެޕްޓަނުގެ ޑައިރެކްޓު ކޮންޓެކްޓުންނެވެ.

"ފާޅު" ބޯޓުގެ ކެޕްޓަން އިއްޔެ ޕޮޒިޓިވްވުމާ ގުޅިގެން އެޗްޕީއޭ އިން މިހާރު ވަނީ ކުޅުދުއްފުއްޓާއި ހދ. ނޮޅިވަރަމް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޕީއޭއިން މިހާރު އަންނަނީ އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖެއިން މިހާތަނަށް 10،000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، 8673 މީހުން ރަނގަޅުވެފައިވެއެވެ. އަދި ކޮވިޑް ޖެހިގެން ރާއްޖެއިން 34 މީހަކު ވަނީ މަރުވެފައެވެ.