ގއ. މާމެންދޫން ކޮވިޑް 19 އަށް ޕޮޒިޓިވްވި ފަސް މީހުންގެ ތެރެއިން ތިން މީހަކު ގއ. ވިިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންގޮސްފިއެވެ.

މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ތެރެއިން ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައިވަނީ ހައި ރިސްކު ދެމީހުން ކަމަށްވާ 63 އަހަރުގެ އަންހެނަކާއި 76 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މީގެ އިތުރުން ޕޮޒިޓިވްވި 30 އަހަރުގެ އަންހެނަކާއި އެ އަންހެން މީހާގެ އެއް މަސް ނުފުރޭ ތުއްތު ދަރިފުޅާއި ހަތަރު އަހަރުގެ ދަރި ވެސް ވިލިނގިލި ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށް ޒައީމް ވިދާޅުވިއެވެ. މި ކުޑަ ދެކުދިން ކޮވިޑަށް އަދި ޓެސްޓު ނުކުރާ ކަމަށާއި ނަމަވެސް އެ ކުދިން މިއަދު ޓެސްޓު ކުރާނެ ކަމަށް ވިދާޅުވިއެވެ.

ޒައީމް ވިދާޅުވީ ކުޑަ ދެކުދިންގެ ތެރެއިން އެއް މަސް ނުފުރޭ ކުއްޖާގެ ކިބައިން ބަލީގެ އަލާމާތްތައް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެރަށުން ދެން ޕޮޒިޓިވްވެފައިވަނީ 22 އަހަރާއި 29 އަހަރުގެ ދެ ފިރިހެނުން ކަމަށް ޒައީމް ވިދާޅުވިއެވެ. އަދި މި ދެމީހުންވެސް ތިބީ މާމެންދޫގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޒައީމް ވިދާޅުވީ ޕޮޒިޓިވްވި ފަސް މީހުންނާއި ދެ ކުޑަކުދިންނަކީ އެއް އާއިލާއެއްގެ މީހުން ކަމަށާއި އެންމެންނަކީ މިމަހު 13 ގައި މާލެއިން ރަށަށް އައި މީހުން ކަމަށެވެ. އަދި އެ އެންމެން ކަރަންޓީނުގައި ތިބީ އެއްކޮށް ކަމަށް ވިދާޅުވިއެވެ.

އެ ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކޮވިޑްގެ ކަންކަމުގައި ރަށު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެގޮތުން ރަށުގައި ގިނަ މީހުން އެއްވެ އުޅޭ ނަމަ މާސްކު އަޅައިގެން އުޅުމަށް ވެސް ޒައީމް އިލްތިމާސްކުރެއްވިއެވެ.