ޚަބަރު

އައްޑޫގައި ސަވައިލެންސް ސާމްޕަލްތަކެއް ނަގަނީ

އައްޑޫގައި ކޮވިޑް-19 ފެތުރިފައިވޭތޯ ބެލުމަށް ސަވައިލެންސް ސާމްޕަލްތަކެއް ނެގުމަށް ނިންމައިފި އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ، މި ސާމްޕަލްތައް ނެގުމަށް ހަމަޖެހިފައިވަނީ މާދަމާ އާއި އާދީއްތަ ދުވަހު ކަމަށެވެ. އަދި އައްޑޫގެ އެކި ސަރަހައްދުތަކުން އެ ސާމްޕަލްތައް ނަގާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި މިދިޔަ ޖޫން މަހުން ފެށިގެން ޕީސީއާރު ޓެސްޓު ކުރަން ފެށި ނަމަވެސް އެ ސިޓީން ސަވައިލަންސް ސާމްޕަލްތަކެއް ނަގާފައެއް ނުވެ އެވެ. މިހާތަނަށް ހޮސްޕިޓަލުން މުޅީންހެން ޓެސްޓު ކުރަމުން އައީ ހޯމް ކަރަންޓީންގައި ތިބޭ މީހުންގެ ގައިން ނަގާ ސާމްޕަލްތަކެވެ. އެގޮތުން މިހާތަނަށް 1200 އަށް ވުރެ ގިނަ ޓެސްޓު ހަދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައްޑޫގައި މިވަގުތު ކޮވިޑް ޖެހިފައިވާ ދެ މީހަކު އެބަ ތިއްބެވެ. އެއީ ގަމުން ދިވެއްސަކާއި ހުޅުދޫން ބިދޭސީ އެކެވެ.