މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް މިފްކޯ އިން ބުނެފިއެވެ.

ސަންގު ޓީވީގެ "ސަރުކާރު" ޕްރޮގްރާމްގައި މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ އޮގަސްޓް 17 އިން ފެށިގެން ސެޕްޓެމްބަރު 15 އާ ހަމައަށް މަސްވެރިންނަށް ދޭންހުރީ 83 މިލިއަން ރުފިޔާ ކަމަށެވެ. އެފައިސާގެ ބޮޑުބައެއް މަސްވެރިންނަށްދީ ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެއްކޮށް ފައިސާދީ ނިމޭނެ ކަމަށެވެ.

"އަޅުގަނޑުމެން ޓްރާންސްފާ މިކުރީ. އެއީ ވަރަށް ބޮޑެތި ކުރިއެރުން. އެފައިސާ އަޅުގަނޑުމެން އުފުލިނަމަ ގާތްގަނޑަކަށް އަޅުގަނޑުމެން ސެންޓަރުތަކާ ހަމައަށް އަދި ބޯޓް ފަހަރާ ހަމައަށް ނުވަތަ މަސްވެރިންނާ ހަމައަށް ފޯރުކޮށްދިން ނަމަވެސް ހަފުތާއެއް ތެރޭގައި ނުނިމޭނެ." ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މަސްވެރިޔާ ކާޑުގެ ސަބަބުން ފައިސާ އަވަހަށް ފޯރުކޮށްދިނުމަށް ފަސޭހަތަކެއް ލިބިގެން ގޮސްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ފައިސާ ދިނުން އަވަސް ވެގެން ގޮސްފައިވާ ކަމަށެވެ.

މަސްވެރިންނަށް ފައިސާ ދޭނެ އިންތިޒާމެއް އަޅުގަނޑުމެން ހަމަޖައްސައިގެން މިތިބީ. އަޅުގަނޑުމެން ހަތް ދުވަހޭ ކިޔަސް ހަތް ދުވަހުގެ ކުރިން ބިލްތަކަށް ފައިސާ ދައްކަމުން މިދަނީ." ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މިއަހަރު މިހާތަނަށް 550 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް މަސްވެރިންނަށް ފައިސާ ދޫކުރެވިފައިވާ ކަމަށެވެ.

އެކުންފުނީގެ ފައިދާއާ ގުޅޭ ގޮތުން ފައުޒީ ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ކަމަށެވެ. ނަމަވެސް އަހަރެއްގެ މައްޗަށް 100 މިލިއަނުން ގެއްލުންވާ ކަމަށާއި މިދިޔަ އަހަރުވެސް އެއަދަދުގެ ގެއްލުމެއް ވެފައިވާ ކަމަށެވެ.