ޖަރުމަނު މިޑްފީލްޑަރު ކައި ހަވާޓްސް ހެދި ހެޓްރިކާއެކު ލީގު ކަޕްގައި ޗެލްސީން ދެވަނަ ޑިވިޝަންގެ ބާންސްލީ ކޮޅަށް ހަ ގޯލް ޖަހައިފިއެވެ.
ރޭ ސްޓެންފޯޑް ބްރިޖުގައި ކުޅުނު ލީގު ކަޕް ތިންވަނަ ބުރުގެ މެޗު ޗެލްސީން 6-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާއިރު، މެޗުގައި ކައި ހެދި ހެޓްރިކަކީ އޭނާގެ ކެރިއަރުގައި ހެދި ފުރަތަމަ ހެޓްރިކެވެ. އުމުރުން 21 އަހަރުގެ ކައި ޗެލްސީއާ މި ސީޒަނަށް ގުޅުނީ 71 މިލިއަން ޕައުންޑުގެ ޓްރާންސްފާއެއްގައެވެ. ޗެލްސީ ޖާޒީގައި ކައި ކުޅުނު ފުރަތަމަ ދެމެޗުގައި ދަށްކޮށް ފެނުނު ނަމަވެސް، ރޭގެ މެޗުގައި ފެނުނީ ތަފާތު މޮޅު ކުޅުމެކެވެ.
ޗެލްސީން ބޮޑެތި ބަދަލުތަކަކާއެކު ރޭގެ މެޗަށް ނުކުމެފައިވާއިރު، މެޗު ކޮންޓްރޯލްކޮށް، ގިނަ ޕާސްތަކެއް ޖަހައިގެން ކުޅުނީ އެޓީމުންނެވެ. ރަނގަޅު، ހަލުވި ޕާސްތަކަކާއެކު ޗެލްސީން އެޓޭކްތައް އުފައްދާފައިވާއިރު، ބާންސްލީން އުފެއްދި މަދު ހަމަލާތަކަށް ހުރަސް އެޅީ ޗެލްސީގެ ގޯލްކީޕަރު ވިލީ ކަބަލޭރޯއެވެ.
މެޗުގެ ފުރަތަމަ ވިހިވަނަ މިނެޓުގައި ޓެމީ އަބްރަހަމްގެ ގޯލުން ޗެލްސީ ލީޑު ނަގާފައިވާއިރު، އޭގެ އިރުކޮޅެއްފަހުން ކައިގެ ގޯލުން ލީޑު ފުޅާވެސް ކުރިއެވެ. އެ ގޯލަކީ މައުންޓުގެ ޕާހަކަށް އަބްރަހަމް ކުރި ޑަމީ މޫވްއަކުން ކައިއަށް ފަހިވި ފުރުސަތުގައި ޖެހި ގޯލެކެވެ.
ދެވަނަ ހާފަށް ނުކުމެ ބާކްލޭގެ ގޯލުން ޗެލްސީން ފަރަގު ބޮޑުކުރިއިރު، އޭގެ އިރުކޮޅެއް ފަހުން އަބްރަހަމްގެ ޕާހުން ކައި އަނެއްކާވެސް ގޯލް ޖެހިއެވެ. އިރުކޮޅެއްފަހުން ކައި ހެޓްރިކް ފުރިހަމަ ކުރިއިރު، ޗެލްސީން ޖެހި ފަހު ގޯލަކީ އަރިމަތިން ޗިލްވެލް ނަގައިދިން ހުރަސް ބޮލުން ގޯލަށް ވައްދާލައިގެން ޖިރޫ ޖަހައިދިން ގޯލެކެވެ.
ރޭގެ މެޗަކީ ޗިލްވެލްއާއި ތިއާގޯ ސިލްވާވެސް ޗެލްސީ ޖާޒީގައި ފެނުނު ފުރަތަމަ މެޗެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު