ޔޫރޮޕާ ލީގު ކޮލިފިކޭޝަންގެ ތިންވަނަ ބުރުގައި މެސަޑޯނިއާގެ ކްލަބެއް ކަމަށްވާ ޝްކެންޑިޖާއާ ދެކޮޅަށް ކުޅުމަށް މިވަގުތު ޓޮޓެންހަމްގެ ޓީމު ކޭމްޕް ކޮށްފައިވަނީ އެގައުމުގައެވެ. މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސް، ޓޮޓެންހަމްގެ ކޯޗު ހޯޒޭ މޮރީނިއޯއަށް ހާއްސަވީ ތަފާތު ސަބަބަކަށްޓަކައެވެ.

ކޮވިޑް 19ގެ ހާލަތްތަކާ ހުރެ ޕްރި މެޗު ނޫސް ކޮށްފަރެންސް ޒޫމް ކޮންފަރެންސަކުން ކުރިއަށްދިޔަ އިރު، ޕްރެސް ނިންމާލި ފަހުން އަލުން އަނެއްކާ ޒޫމް ކޮންފަރެންސަށް މޮރީނިއޯ ވަންނަން ޖެހުނީ މެސަޑޯނިއާގެ ނޫސްވެރިއެއް ކަމަށްވާ އިގޯ އެލެކްސެންޑްރޮވިޗްގެ އެދުމުގެ މަތިންނެވެ. ނޫސްވެރިޔާގެ ބައްޕަގެ އެދުމަށް ނޫސްވެރިޔާ މޮރީނިއޯގެ ކިބައިން އެދުނީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އެންމެ ފޮޓޯއެއް ނަގައިދިނުމަށެވެ. އެއީ މަރުވެފައިވާ ބައްޕަގެ ހުވަފެނެއްގައި ކުލަ ޖެއްސުމަށެވެ.

ނޫސްވެރިޔާގެ ބައްޕަގެ އެންމެ ބޮޑު އައިޑަލްއަކީ މޮރީނިއޯއެވެ. ނޫސްވެރިޔާއާ ދޭތެރޭ އޭނާގެ ބައްޕަ ދެކުނު ހުވަފެނަކީ ކޮންމެވެސް ދުވަހަކުން މޮރީނިއޯއާ ބައްދަލުކުރުމެވެ. އެ މަންޒަރު ނުފެނި ބައްޕަ މި ދުނިޔެއާ ވަކިވާން ޖެހިފައިވީ ނަމަވެސް، ނޫސްވެރިޔާ ބޭނުންވީ ބައްޕަގެ ހަނދާނުގައި މޮރީނިއޯއާއެކު އެ ފޮޓޯ ނެގުމަށެވެ.

"ބައްޕަގެ ފަރާތުން އަހަރެން މަރުހަބާ ކިޔަން. ބައްޕަ މިވަގުތު ދުނިޔޭގައި ނެތް ނަމަވެސް، ބަލި އެނދުގައި އޮވެ ބައްޕަ ބުނި އެއް ވާހަކައަކީ މޮރީނިއޯއާ ބައްދަލުކުރަން. އަހަރެން ބޮޑުކުރީ މޮރީނިއޯ ރޯލް މޮޑެލްއަކަށް ބަލައިގެން. ސައިކޮލޮޖިކަލީ އަހަރެން ފައްކާ ކޮށްފައި ހުރީ ސީދާ މޮރީނިއޯގެ ވިސްނުމަށް ބިނާކޮށް،" ނޫސްވެރިޔާ މޮރީނިއޯއާ ބައްދަލުކޮށް ބުނެފައިވެއެވެ.

ނޫސްވެރިޔާ ބުނެފައިވަނީ މޮރީނިއޯއާއެކު ފޮޓޯއެއް ނެގިއްޖެނަމަ، ބައްޕަގެ ހަނދާނުގައި ފޮޓޯ ފްރޭމްކޮށް ބަހައްޓާނެ ކަމަށެވެ. އެ ވާހަކައިގެ ސަބަބުން މޮރީނިއޯއަށް އަސަރުކުރިތަން ފެނިގެންދިޔައެވެ. މޮރީނިއޯ ބުނެފައިވަނީ މެޗަށްފަހު ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައިވީ ނަމަވެސް، އެކަން ކޮށްދޭނެ ކަމަށެވެ.

މޮރީނިއޯ ބުނެފައިވަނީ މެޗުގެ ކުރިން ހޮޓަލުން ބައްދަލުކުރުމުން ފޮޓޯ ނަގަން ފަސޭހަވާނެ ކަމަށާއި ނޫސްވެރިޔާގެ ބައްޕައަށް ވަރަށް ބޮޑަށް އިހުތިރާމު ކުރަން ބޭނުންވާ ކަމަށެވެ.