ގދ. ހޯނޑެއްދޫން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓްވްވެ، އެރަށުން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 45 އަށް އަރައިފިއެވެ.

ހޯނޑެއްދޫން މިއަދު އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެރަށު ކައުންސިލުގެ ރައީސް މުހައްމަދު އަޔާޒް ވަނީ "ވަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ހޯނޑެއްދޫން މިހާތަނަށް 369 މީހެއްގެ ސާމްޕަލް ނަގާފައިވާ އިރު، ރޭ 10:00ގެ ނިޔަލަށް ނަތީޖާ ނުލިބި 14 ސާމްޕަލް ހުއްޓެވެ. އެރަށުން ބަލި ޖެހުނު މިހުންގެ ތެރެއިން 30 މީހަކު ބަލިން ފަސޭހަވެފައިވާ އިރު، އެރަށުގައި މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 13 މީހެކެވެ. އަދި ދެމީހަކަށް ގއ. އަތޮޅު ކޮވިޑް ފެސިލިޓީގައި އަންނަނީ ފަރުވާދެމުންނެވެ.

ކޮވިޑުގެ ސަބަބުން މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީވެސް ހަމައެކަނި ހޯނޑެއްދޫއެވެ.

ހޯނޑެއްދޫން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްތައް ފެނިިފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ. އެ ދުވަހު ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ތިބި އެއް އާއިލާއެއްގެ ހަތަރު މީހެކެވެ. އޭގެ ފަހުން އެރަށުގެ އިތުރު ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. އަދި އޭގެ ފަހުން އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި ބައެއް މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން އަންނަނީ ހޯނޑެއްދޫގައި ކޮވިޑް ފެތުރުނު ގޮތް ދެނެގަތުމަށް ހާއްސަ ތަހުގީގެއް ކުރިއަށްގެންދަމުންނެވެ. މިހާތަނަށް އައިއިރު އެރަށަށް ބަލި ފެތުރުނީ ސީދާ ކޮން ގޮތަކުން ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އެރަށުން ޕޮޒިޓިވްވާ އެންމެންނަކީވެސް އެކަކު އަނެކަކާ ގުޅުން އޮންނަ މީހުންނެވެ. އެހެންކަމުން އެރަށުގައި އޮތީ ލޯކަލް ޓްރާންސްމިޝަނެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.