ހައިކޯޓުގެ ފަނޑިޔާރުކަމަށް ސ. ފޭދޫ ކޯޓުގެ މެޖިސްޓްރޭޓް ފާތިމަތު ފަރުހީޒާ އާއި ސިވިލް ކޯޓުގެ ގާޒީ ހަސަން ޝަފީއު އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފާސްކޮށްފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކުރި އިއުލާނުގެ ދަށުން ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާ ފަރާތްތައް "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން ސްކްރީންކޮށް، އިންޓަވިއު ކުރުމަށްފަހު ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގެ ތަރުތީބުން "ހައިލީ ރިކޮމެންޑް" ކޮށްފައިވާ ފާތިމަތު ފަރުހީޒާ އާއި "ރިކޮމެންޑް" ކޮށްފައިވާ ހަސަން ޝަފީއު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ޖަލްސާއިން ކަމަށްވެސް ބުނެފައިވެއެވެ.

ޖޭއެސްސީން ބުނެފައިވަނީ ސ. ފޭދޫ ކޯޓުގެ މެޖިސްޓްރޭޓް ފާތިމަތު ފަރުހީޒާއަކީ ފެދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމުގެ މަގާމު މިހާރުވެސް އަދާކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި އޭނާއަކީ ގާނޫނީ ރޮނގުން މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗެލާ އޮފް ލޯ (އޮނާޒް) އަދި މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

މީގެ އިތުރުން ގާނޫނީ ވަކީލުކަމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ފަރުހީޒާއަކީ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން ގާނޫނީ ދާއިރާއިން ކިޔަވައިދިނުމުގެ ތަޖުރިބާ ވެސް ހުރި ބޭފުޅެއް ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ސިވިލް ކޯޓުގެ ގާޒީ ހަސަން ޝަފީއުއަކީ ގާނޫނީ ރޮނގުން މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން އިން ބެޗެލާ އޮފް ލޯ (އެލްއެލްބީ) އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެއް ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.

އޭގެ އިތުރުން 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ފެމެލީ ކޯޓުގަ އާއި ސިވިލް ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޝަފީއުއަކީ ގާނޫނީ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށާއި އެ ދާއިރާއިން ކިޔަވައިދިނުމުގެ އިތުރުން ގާނޫނުތައް ޑްރާފްޓް ކުރުމުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވެސް ބުނެފައިވެއެވެ.