ހަނިމާދޫ އިންްޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް، ތަރައްގީކުރުމުގެ މަޝްރޫއު ނިމުމުން އެތަން ވާނީ ރާއްޖޭގެ އުތުރުގައި ޓޫރިޒަމް ކުރިއަރުވަން ކުރާ މަސައްކަތުގެ އިންޖީނަކަށް ކަަމަށް އިންޑިއާ އިން ބުނެފި އެވެ.
ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއަކީ އިންޑިއާ އިން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއު ޓެންޑާކުރުމަށް އެކުލަަވައިލަން ޖެހޭ ޕްރޮޖެކްޓް ރިޕޯޓް ހެދުމަށް ސާވޭ ކޮށްފައިވާ ކަމަށާއި މަސައްކަތް ކުރީ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާގެ ޓީމަކުން ކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އޭ320 އަދި ބޮއިންގް 737 މަރުކާގެ އުޅަނދުތަށް ޖެއްސޭވަރަށް އެއާޕޯޓުގެ ރަންވޭ 2200 މީޓަރަށް ދިގު ކުރެވި
ޓާމިނަލްތަކާއި ފިއުލް ފާމްތައް އަދި ފަޔާ ސްޓޭޝަން އާއި ކާގޯ ޓާމިނަލް އަޕްގްރޭޑް ކުރެވޭނެއެވެ.
އިންޑިއަން ހައި ކޮމިޝަނުގެ ބަޔާނުގައި ބުނީ، ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އުތުރުގައި ލޯކަލް ޓޫރިޒަމް އަދި އިންވެސްޓްމަންޓުތައް އިތުރުވެގެންދާނެ ކަމަށެވެ.
"..މި މަޝްރޫއު ވެގެންދާނީ ރާއްޖޭގެ އުތުރުގައި ޓޫރިޒަމް ކުރިއަރުވައި ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ އިންޖީނަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ލޯކަލް އަދި ބޭރުގެ އިންވެސްޓްމެންޓްތައް އިތުރުވެގެންދާނެއެވެ،" ބަޔާނުގައިވެ އެވެ.
ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓާއި އިއްޔެ ފެށި ކޮޗިން ކާގޯ ފެރީގެ ހިދުމަަތަކީ ރާއްޖޭގެ އުތުރު ސަރަހައްދު ބާރުވެރިކުރުވަން އިންޑިއާ އިން ދޭ އެހީ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ރާއްޖެ އާއި އިންޑިއާ އިން 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. އެ ކްރެޑިޓް ފެސިލިޓީގެ ދަށުން ބޮޑު ހަތް މަޝްރޫއަކަށް ހަރަދު ކުރުމަށް ވަނީ ހަމަޖައްސައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު