އިނގެރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ލުޓޮންއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ކާމިޔާބު ކޮށްފިއެވެ.

ރޭގެ މެޗުން މޮޅު ވެ ޔުނައިޓެޑް ހަތަރުވަނަ ބުރަށް ދަތުރު ކޮށްފައިވާއިރު، އެޓީމުން މެޗު ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ޔުނައިޓެޑުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެޓީމުން ނަތީޖާގެ ފަރަގު ބޮޑުކުރީ މެޗު ނިމެން މަދު ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ޕެނެލްޓީއަކުން ޔުނައިޓެޑަށް ލީޑު ނަގައިދިނީ ޔުވާން މަޓާއެވެ. ރޭގެ މެޗަށް ޔުނައިޓެޑުން ބަދަލުތަކާއެކު ނުކުތްއިރު، ފުރަތަމަ 11ގައި ޖެސީ ލިންގާޑާއި އޮޑިއޮން އިގާލޯ އަދި ވެންޑަބީކް ވެސް ހިމަނާފައި ވެއެވެ. އޭގެ އިތުރުން ފަހަތް ބެލެހެއްޓުމުގައި ހެރީ މެގެއާއާއެކު ދެން ފެނިގެންދިޔައީ އެރިކް ބެއިލީއެވެ.

ޔުނައިޓެޑްގެ ގޯލް ބެލެހެއްޓުމަށް ރޭގެ މެޗުގައި ނުކުތީ ޑީން ހެންޑަސަންއެވެ. ހެންޑަސަން މިދިޔަ ސީޒަންގައި ކުޅެފައި ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ޗެފީލްޑް ޔުނައިޓެޑަށެވެ. ޕްރިމިއާ ލީގު މެޗުތަކުގައި ޝެފީލްޑަށް އޭނާ ދެއްކި ކުޅުން ފާހަގަވެގެން ގޮސްފައިވާތީ، ޔުނައިޓެޑްގެ ކޯޗު ސޮލްސްޖާ ވަނީ މި ސީޒަނަށް ހެންޑަސަން މަޑުކުރުވާފައެވެ.

މެޗުގެ ފަހުކޮޅުގައި ހެންޑަސަންގެ ހިތްގައިމު ސޭވެއް ފެނިގެންދިޔައިރު، ނަތީޖާގެ ފަރަގު ބޮޑުކޮށްދިނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުތް، މާކަސް ރަޝްފޯޑާއި މޭސަން ގްރީންވުޑެވެ. ޔުނައިޓެޑުން ހަތަރުވަނަ ބުރުގައި ކުޅެން ޖެހޭ ޓީމު ކަށަވަރުވާނީ މިރޭ ބްރައިޓަންއާއި ދެވަނަ ޑިވިޝަންގެ ޕްރެސްޓަން ކުޅޭ މެޗު ނިމުމުންނެވެ.

ލީގު ކަޕްގެ ތިންވަނަ ބުރުގައި ރޭ ވެސްޓްހަމްއިން 5-1ގެ ނަތީޖާއަކުން ހަލްސިޓީ ބަލިކުރިއިރު، ޗެލްސީން ބާންސްލީއާއި ދެކޮޅަށް ކުޅޭ މެޗާއި، ލެސްޓާއާއި އާސެނަލް ވާދަކުރަން ޖެހޭ މެޗު އޮންނާނީ މިރެއެވެ.