އުމުރަކީ ހަމައެކަނި ގަނޑެއްގައި ލިޔެފައި އޮންނަ ނަންބަރެއް ކަމަށާއި ދަނޑުމަތީގައި އަބަދުވެސް 200 ޕަސެންޓް މަސައްކަތް ދައްކާނެ ކަމަށް ޗެލްސީއާ އަލަށް ގުޅުނު ބްރެޒިލް ޑިފެންޑަރު ތިއާގޯ ސިލްވާ ބުނެފިއެވެ.

ޗެލްސީން މިރޭ ކުޅޭ ލީގު ކަޕް މެޗު ވެގެންދާނެ ކަމަށް ބެލެވެނީ، ސިލްވާ ޗެލްސީގެ ޖާޒީގައި ކުޅޭނެ ފުރަތަމަ މެޗު ކަމަށެވެ. އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ޗެލްސީގެ ކޯޗު ފްރޭންކް ލެމްޕާޑް ބުނެފައި ވަނީ ސިލްވާގެ އިތުރުން އަލަށް ގުޅުނު އިންގްލެންޑް ޑިފެންޑަރު ބެން ޗިލްވެލްވެސް މިރޭގެ މެޗުގައި ފެނުން ގާތް ކަމަށެވެ.

ޕީއެސްޖީއަށް ކުޅުނު ހަތް ސީޒަންގައި ފްރާންސް ލީގު ކާމިޔާބުކުރި ޑިފެންޑަރު ސިލްވާ ބުނެފައިވަނީ ޕްރިމިއާ ލީގުގެ ހަލުވިކަމާ މެދު އެއްވެސް ޖެހިލުމެއް ނެތް ކަމަށާއި، ފިޒިކަލީ އޭނާ ހުރީ ވަރަށް ރަނގަޅަށް ފިޓްކޮށް ކަމަށެވެ.

"އުމުރަކީ ހަމައެކަނި ގަނޑެއްގައި ޖަހާލާ ނަންބަރެއް. ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ ސްޕީޑަށް އެއްވެސް ވަރަކަށް ޖެހިލުމެއް ނުވޭ. ފިޒިކަލީ، އަހަންނަކީ އަދިވެސް ޒުވާން ކުޅުންތެރިއެއް. އެންމެނަށްވެސް އެނގޭނެ އަހަންނަށް ފުޓުބޯޅަ މުހިއްމުވަރު. 200 ޕަސެންޓް މަސައްކަތް ކުރާނަން،" ސިލްވާ ބުނެފައިވެއެވެ.

ސިލްވާ ބުނެފައިވަނީ ޗެލްސީއާއި ލެމްޕާޑް އޭނާއަށް ދީފައިވަނީ ރަނގަޅު ފުރުސަތެއް ކަމަށާއި، ތަޖުރިބާއާއެކު ޗެލްސީއަށް ބޭނުންވާ އެންމެ މުހިއްމު ކަންތައް އޭނާއަށް ފޯރުކޮށްދެވޭނެ ކަމަށެވެ. ސިލްވާ އިތުރަށް ބުނެފައި ވަނީ އެވަޓަންގެ ކޯޗު ކާލޯ އެންސޮލޯޓީ، ހަމޭޒް ރޮޑްރިގޭޒްއަށް ނިސްބަތްކޮށް ބުނެފައިވާ ބަސްކޮޅެކެވެ. އެންސެލޯޓީ ބުނެފައިވަނީ ހަމޭޒްއަކީ ބާރަށް ނުދުވާ ކުޅުންތެރިއެއް ނަމަވެސް މައްސަލައެއް ނެތް ކަމަށެވެ. ބާރަށް ދުވާ މީހަކު ސޮއިކުރަން ބޭނުންވި ނަމަ، ސޮއިކުރާނީ ބޯލްޓް ކަމަށެވެ.

ޕީއެސްޖީއާއެކު ސިލްވާ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށްވެސް ދަތުރުކޮށްފައިވާއިރު، އޭނާވަނީ ޕީއެސްޖީއަށް ދިޔުމުގެ ކުރިން އޭސީ މިލާންއާއެކު ސެރެއާ އޭވެސް ކާމިޔާބު ކޮށްފައެވެ،