ކުޅިވަރު

"މެސީ އާސެނަލްއަށް ދާން ބޭނުންވި، ނިންމުން ބަދަލުކުރީ ފަހުވަގުތު"

މުޙައްމަދު ޝަމްޢޫން

ބާސެލޯނާ އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ 2003 ވަނަ އަހަރު އާސެނަލްއަށް ދާން ބޭނުންވި ކަމަށް ކުރީގެ އެޖެންޓް ފަބިއަން ސޮލިޑިނީ ބުނެފިއެވެ.

މެސީގެ އެޖެންޓަކަށް ފުރަތަމަ މަސައްކަތްކުރި ސޮލިޑިނީ ބުނެފައި ވަނީ އާސެނަލްއިން ސެސްކް ފެބްރިގާސްގެ އިތުރުން އެފަހަރު ޝައުގުވެރިކަން ފާޅުކުރީ މެސީއަށް ކަމަށެވެ. އަދި ފެބްރިގާސްއާއެކު މެސީވެސް އާސެނަލްއަށް ދާން އިންތިހާއަށް ޝައުގުވެރިވި ކަމަށެވެ. ސޮލިޑިނީ ބުނެފައިވަނީ މެސީގެ ނިންމުން ބަދަލުކުރީ ފަހުވަގުތުގައި ކަމަށާއި، އެ ނިންމުން ބަދަލު ނުކުރި ނަމަ، މިއަދު ފުޓުބޯޅަ ފެންނާނީ މުޅިން ތަފާތު ގޮތަކަށް ކަމަށެވެ.

ހަ ފަހަރަށް ބެލޮންޑިއޯ ހޯދާފައިވާ މެސީ އިނގިރޭސިވިލާތަށް ދިއުމަށް އޭރު އެންމެ ބޮޑަށް ވިސްނި ސަބަބެއް ކަމުގައި ސޮލިޑިނީ ބުނެފައި ވަނީ އިމިގްރޭޝަންގެ މައްސަލަތަކެއްގެ ސަބަބުންނެވެ. އެގޮތުން އޭރު މެސީއަށް ބާސާ ޖާޒީގައި ކުޅެވެނީ ހަމައެކަނި ރީޖަނަލް މެޗުތައް ކަމަށް ކުރީގެ އެޖެންޓް ފާހަގަކޮށްފައި ވެއެވެ.

"އަހަރެން ހަނދާން އެބަހުރި ފެބްރިގާސްއާއެކު އާސެނަލްއަށް ދާން މެސީވެސް ބުނި. އެކަމަކު ފަހުން މެސީ މަޑުކުރީ. މެސީއަށް އޭރު މުޅި ޔޫރަޕް، ހާއްސަކޮށް އިޓަލީއާއި އިނގިރޭސިވިލާތުގެ ހުރިހާ ކްލަބަކުން ދިޔައީ ލޯއަޅަމުން. އެކަމަކު ހަގީގަތުގައި ބާސާއިން މެސީއަށްކުރީ ބޮޑު އިންވެސްޓެއް. ބާސާއިން ދޫ ދޭކަށް ބޭނުމެއް ނުވާނެކަން އެނގޭ،" ސޮލިޑިނީ ބުނެފައިވެއެވެ.

އޭރު އާސެނަލްއާ ގުޅުނު ފެބްރިގާސް ވަނީ އާސެނަލްއާއެކު އަށް އަހަރު ހޭދަކޮށް، ކްލަބު ކެޕްޓަންކަންވެސް ގިނަ މެޗުތަކެއްގައި ކޮށްފައެވެ. 2011 ވަނަ އަހަރު ފެބްރިގާސް ވަނީ އެނބުރި ބާސާއަށް ގޮސް، މެސީއާއެކު ކުޅެފައެވެ.

އާސެނަލްއަކީ ހުނަރުވެރި އެތައް ކުޅުންތެރިންތަކެއް ދާން ބޭނުން ވެ، އަތުން ކައްސާލައިގެން ދިޔަ ޓީމެކެވެ. އެގޮތުން ވެންގާ ބުނެފައިވާ ގޮތުގައި ޒްލަޓާން އިބްރަހިމޮވިޗާއި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ހޯދުމަށްވެސް އޭނާއަށް ފުރުސަތު ލިބުނެވެ.

މެސީ ބާސާ ދޫކޮށްލަން މި ސީޒަން ފެށުމުގެ ކުރިން އެދުނު ނަމަވެސް، ބާސާއިން މެސީ ގެ ކޮންޓްރެކްޓް އުވާނުލައި ހިފެހެއްޓިއެވެ. ރިޕޯޓްތައް ބުނެފައިވާ ގޮތުގައި މެސީ ބާސާ ދޫކޮށް ދާނެ ކަމަށް ބެލެވެނީ އިނގިރޭސި ލީގުގެ މެންޗެސްޓާ ސިޓީއަށެވެ.