އަންނަ އަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖު (މަސައްކަތްތެރިންނަށް ދޭ އެންމެ ކުޑަ އުޖޫރަ) ކަނޑައަޅައި ތަންފީޒު ކުރުމާއި ރިޒޯޓު މުވައްޒަފުން ރިސޯޓުގައި ވަޒީފާ އަދާ ކުރުމަށް ފަހު ޑިއުޓީ ގަޑި ނިމުމުން ރަށަށް ދެވޭ ގޮތް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މި މަހުގެ ހަވަނަ ދުވަހު ފާސްކުރި، ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައި ވަނީ މަސައްކަތްތެރީންނަށް ދޭ އެންމެ ކުޑަ އުޖޫރަ އަންނަ އަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރީން ދޭން ފަށަން ޖެހޭނެ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތަކީ ބިދޭސީއެއްނަމަ މި ގާނޫނަށް އަމަލުކުރާ ތާރީހުން ފެށިގެން ގިނަވެގެން ދެ އަަހަރު ދުވަހުގެ މުއްދަތަށް މިނިމަމް ވޭޖް ދިނުމަށް ވަޒީފާ ދޭ ފަރާތްތަކަށް ފަސް ކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގައިވާ ގޮތުން ކަމާބެހޭ ދިރާސާތައް ކުރުމަށްފަހު މިނިވަމްވޭޖް ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓަރަށް ލަފާ އަރުވާނީ ބިލުގައި އުފައްދަން ކަނޑައަޅާފައިވާ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުންނެވެ.

ރިޒޯޓު މުވައްޒަފުން ރިސޯޓުގައި ވަޒީފާ އަދާކުރުމަށް ފަހު ޑިއުޓީ ގަޑި ނިމުމުން ރަށަށް ދެވޭ ގޮތަށް ގެނައި އިސްލާހުގައި ބުނެފައިވަނީ މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވާ ކަމަށެވެ.

މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމާއި އޭނާ ގަޑިއަށް ވަޒީފާއަށް އައުމަށް ވަޒީފާދޭ ފަރާތުން ހުރަސް އަޅައިގެން ނުވާނެ ކަމަށް ބިލުގައިވެއެވެ.

ވަޒީފާ އަދާކުރާ ފަރާތުން ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމަށާއި ގަޑިއަށް ވަޒީފާއަށް ދިއުމަށް އުޅަނދެއް ބޭނުންވާ ނަމަ އެ އުޅަނދެއް އެތަނަކާ ކައިރިކުރުން މަނާ ނުކުރެވޭ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

އެމްސީއާ ނުލައި އަހަރަކު 15 ދުވަހު ސަލާމް ބުނެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. ބިލުގައިވާ ގޮތުން މުވައްޒަފަކު ހިދުމަތް ކުރާ ކޮންމެ އަހަރަކު، މުސާރަ ލިބޭ ގޮތަށް ކޮންމެ މުވައްޒަފަކަށް ވެސް މަދުވެގެން 30 ދުވަހުގެ ޗުއްޓީއެއް، ސަލާމުގެ ޗުއްޓީގެ ގޮތުގައި ދޭންވާނެ ކަަމަށެވެ.

އޭގެ އިތުރުން އެ މާއްދާގެ (ށ)ގައި ބުނެފައިވަނީ ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން މެނުވީ އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެން ނުވާ ކަމަށެވެ.