ކޮވިޑާ ގުޅިގެން އިގުތިސޯދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްކަކަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 283.2 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 1،720 ފަރާތަކަށް 283.2 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. އެހާތަނަށް 3،456 ފަރާތުން ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށާއި 557 ފަރާތެއްގެ އެޕްލިކޭޝަން އެކި ސަބަބުތަކާ ހުރެ ބާތިލުކޮށްފައިވެއެވެ.

ޓޫރިޒަމް ދާއިރާގެ ކުދި އަދި މެދުފަންތީގެ 227 ވިޔަފާރިއަކަށް 51.9 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާ އިރު، ދަތުރުފަތުރުގެ ދާއިރާއަށް 19.2 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވެއެވެ. މީގެ އިތުރުން އަމިއްލަ މަސައްކަތްކުރާ 575 ފަރާތަކަށް 17.2 މިލިއަން ރުފިޔާ ދޫކުރަން ނިންމައިފައިވެއެވެ.

ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 12 ވިޔަފާރިއަކަށް 2.1 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާ އިރު، ކޮންސްޓްރަކްޝަން ދާއިރާގެ 180 ވިޔަފާރިއަކަށް 50.5 މިލިއަން ރުފިޔާ ދޫކުރަން ވަނީ ނިންމައިފައެވެ. އަދި މަސްވެރިކަމުގެ ދާއިރާގެ 21 ވިޔަފާރިއަކަށް 4.1 މިލިއަން ރުފިޔާ ދޫކުރާ އިރު، މެނުފެކްޗަރިންގެ ދާއިރާގެ 99 ވިޔަފާރިއަކަށް 17.5 މިލިއަން ރުފިޔާ ދޭން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން އަމިއްލަ މަސައްކަތްކުރާ 103 މީހަކަށް، ޖުމްލަ 3.1 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވެއެވެ. އަދި އަންހެނުން ހިންގާ 404 ވިޔަފާރިއަކަށް 103.8 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވެއެވެ.

ކޮވިޑާ ގުޅިގެން އިގުތިސޯދީ ރިލީފް ޕެކޭޖްފެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކުރެވިގެން އެކުލަވާލާފައިވާ ކޮވިޑް ރިކަވަރީ ލޯނު ސްކީމަކީ ފިނޭންސް މިނިސްޓްރީ އާއި އެސްޑީއެފްސީ ކުރިއަށްގެންދާ ލޯން ސްކީމެކެވެ.

މި ލޯނު ސްކީމް ހާއްސަކޮށްފައިވަނީ 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ވިޔަފާރި ހިންގުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ވިޔަފާރިތަކަށެވެ.

ޝަރުތު ހަމަވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 500،000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރެއެވެ. އަދި މި ލޯނު ދޫކުރަނީ ހަ ޕަސެންޓު އިންޓްރެސްޓުގައެވެ. އަދި ލޯނު އަނބުރާ ދައްކަންޖެހޭނީ ގިނަވެގެން ތިން އަހަރުގެ މުއްދަތުގެ ތެރޭގައެވެ.