ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ގާނޫނު (ގާނޫނު ނަންބަރު: 06/2006) އަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

އެ ބިލަކީ މިމަހުގެ ހަވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ.

އެ އިސްލާހުގައި ކޮމިޝަނުގެ ރައީސާއި އަދި މެންބަރުން ވެސް މިނިވަންކަމާއެކު ތައައްސުބާއި ނުފޫޒުން އެއްކިބާވެ ތިބެ މަސައްކަތްކުރުމަށް ބާރުއަޅާ މާއްދާތައް ހިމަނާފައިވެއެވެ. ކޮމިޝަނުގެ މެންބަރުންގެ މަގާމުގެ ވާޖިބުތައް އަދާކުރުމުގައި ކޮމިޝަނުގެ ޖަމާއީ ސުލޫކު އަދި ކޮމިޝަނުގެ މެންބަރުންގެ ހައިސިއްޔަތާއި ފަރުދީ ހައިސިއްޔަތުން މެންބަރުން ހިފަހައްޓަންޖެހޭ ޒާތީ ސުލޫކު މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ކޮމިޝަނުގެ މެންބަރުން އިތުރު ވަޒީފާ އަދާނުކުރުމާއި، އަދި މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް ބާރުއަޅާ މާއްދާތައް ވެސް އެ ބިލުގައި ހިމަނާފައިވެއެވެ. އަދި ކޮމިޝަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ އަދި އޯޑިއޯ ރެކޯޑިން ބެލެހެއްޓުން ވެސް މި ބިލުގައި ހިމަނާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން އެޗްއާރުސީއެމްގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފައެވެ. އަދި އެ ގާނޫނު ތަސްދީގުކުރައްވައި ގެޒެޓުގައި ޝާއިއުކުރެއްވުމާއެކު، މިއަދު މިވަނީ އެ ގާނޫނަށް އަމަލުކުރަން ފަށައިފައެވެ.