ދ. ކުޑަހުވަދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

މީގެ ކުރިންވެސް އެރަށުގައި ވަނީ ހޯމް ކަރަންޓީނުގައި ތިބި އެއް އާއިލާއެއްގެ ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް އެމީހުން މިހާރު ވަނީ ބަލިން ފަސޭހަވެފައެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާހު ވިދާޅުވީ، އެ ރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މެދުއުމުރުގެ ފިރިހެނެއް ކަމަށާއި އޭނާ ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގެ 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ނެގި ރިލީސް ސާމްޕަލްގެ ނަތީޖާއިން ކަމަށެވެ.

މީގެ އިތުރުން ޝާހު ވިދާޅުވީ، އެމީހާ ކަރަންޓީންވެގެން ހުރީ ވަކިން ގެއެއްގައި ކަމަށާއި އެމީހާއާ އެއްްވެސް މީހަކު ކޮންޓެކްޓްވެފައި ނުވާ ކަމަށެވެ. އަދި އެމީހާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ޝާހު ވިދާޅުވިއެވެ.

އެ ރަށުން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ބަލިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ހާއްސަކޮށް މާސްކު އެޅުމަށް އެރަށު ރައްޔިތުންނަށް ކުޑަހުވަދޫ ސޯޝަލް ސަޕޯޓް ޑެސްކުގެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 9770 ވަނީ އަރާފައިވާ އިރު، 8390 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީމީހުންގެ ތެރެއިން 34 މީހަކު ވަނީ މަރުވެފައެވެ.

އެކްޓިވް ކޭސްގެ މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 22 ރަށަކުންނާއި، 27 ރިސޯޓެއްގައި އެބައުޅެއެވެ.

ކޮވިޑާ ގުޅިގެން މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯނޑެއްދޫ އެކަންޏެވެ.