މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފި އެވެ.

މިފްކޯއިން މިއަދު ނެރެފައިވާ މެމޯއެއްގައި ބުނީ، މިއަދުން ފެށިގެން މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން ޑީސަލް ތެޔޮ ވިއްކާ އަގުތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ.

އެގޮތުން މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން މަސް ދޯނި ފަހަރަށް 8 ރުފިޔާ 65 ލާރިއަށް ވިއްކަމުންދިޔަ ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ވިއްކަމުންދާނީ 7 ރުފިޔާ 33 ލާރިއަށެވެ. މިއީ 1 ރުފިޔާ 32 ލާރީގެ ހެޔޮ ވުމެކެވެ.

އޭގެ އިތުރުން އާއްމު ފަރާތްތަކަށް މިއަދުން ފެށިގެން ޑީސަލް ވިއްކާނީ ލީޓަރެއް 13 ރުފިޔާއަށް ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ "ވަން" އަށް ވިދާޅުވީ، މި ބަދަލަކީ މަސްވެރިންނަށް މި ހާލަތުގައި ތެލުން ލުއިތަކެއް ދިނުމަށް ކުންފުނިން ނިންމި ނިންމުމެއް ކަމަށެވެ. އަދި މިއާއެކު ޑިއުޓީ މައާފުކޮށްފައިވާ، ޑީސަލް މަސްވެރިކަންކުރާ މަސް ދޯނިފަހަރަށް ވިއްކުމަށް ޓަކައި ފަށާފައިވާ "ފަހި ހަކަތަ" ޕްރޮގްރާމްގެ ދަށުން މަސްވެރިންނަށް ޑީސަލް ގަންނަން ލިބޭ އަގު އިތުރަށް ހެޔޮ ވެގެންދާނެ ކަމަށް ވެސް ފައުޒީ ވިދާޅުވި އެވެ.

ޑިއުޓީ މައާފުކޮށްފައިވާ، ޑީސަލް މަސްވެރިކަންކުރާ މަސް ދޯނިފަހަރަށް ވިއްކުމަށް ފަށާފައިވާ "ފަހި ހަކަތަ" ޕްރޮގްރާމްގެ ދަށުން ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ވިއްކާނީ ފިޝަރީޒް މިނިސްޓްރީން ދޫކުރާ މަސްވެރިކަމުގެ ލައިސަންސް އޮންނަ އުޅަނދުތަކަށެވެ. އަދި މިފްކޯ އިން ވަނީ އެ ޕްރޮގްރާމްގެ ސަޕްލަޔަރުންގެ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސޮއިކޮށްފަ އެވެ.