އިންޑިއާގެ ކޮޗިން އިން ރާއްޖެ އަށް އަންނަ ކާގޯ ފެރީން ރާއްޖެ ގެންނާނީ ރާއްޖޭގައި ވިޔަފާރިކުރާ ވިޔަފާރިވެރިންގެ މުދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު އިއްޔެ ފެށި، ކާގޯ ފެރީ ދަތުރުތަކުގެ ސަބުން ދިވެހިންނަށް ގެއްލުންތަކެއް ވާނެ ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކާއި ބައެއް ފިޔަފާރި ވެރިން ބުނަމުން ގެންދާ މައްސަލައިގައި، އެ ފަރާތްތަކަށް ރައްދު ދެއްވައި މިނސްޓަރު ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ފެރީން ގެންނާނީ ރާއްޖޭގައި ވިޔަފާރިކުރާ ވިޔަފާރިވެރިން ގަންނަ މުދާ ކަމަށާއި އެ މަސައްކަތް އެއަށްވުރެ އިތުރު އަދި މަދުވެސް ނުވާނެ ކަމަށެވެ.

ފައްޔާޒު އަދި ވިދާޅުވީ މިކަމުގެ ސަބަބުން ވިޔަފާރިތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި އެހެން ކާގޯ ބޯޓު ތަކާއި މި ފެރީގެ ތަފާތަކީ މި ފެރީގެ ދަތުރުތައް ބަރާބަރާށް ޝެޑިއުލް ވެފައި ހުރުން ކަމަށެވެ.

ހދ. ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު ކާގޯ ދަތުރުތައް ރަސްމީކޮށް އިއްޔެ ވަނީ ފަށައިފިައެވެ.

"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ އިންޑިއާގެ ކާގޯ ފެރީގެ ސަބަބުން ދިވެހީންނަށް ވަރަށް ގިނަ ގޮތްގޮތުން ފައިދާވާނެ ކަމަށެވެ. އަދި މި ކަމުގައި މައްސަލައަކަށް ހަދައިގެން އުޅޭ މީހުން ހަގީގަތް އޮޅުވައިލަން ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށްވެސް ފައްޔާޒް ވިދާޅުވި އެވެ.

"ހަގީގަތުގަ މީގަ އިތުރު އެއްވެސް ކަމެެއް ނުވޭ. އެއްގޮތަކަށް ބުނާ ނަމަ އިންޑިއާއާ ރާއްޖެއާ ދެމެދު މުދާ އުފުލާ އިތުރު އުޅަނދެން ތައާރަފު ކުރީ. އެންމެ ބޮޑު ތަފާތަކީ ވަކި ޝެޑިއުލަކަށް މި ދަތުރުތައް އޮތުން. މުދާ ގެންނަ މީހުންނަށް އަދި ވިޔަފާރިވެރީންނަށް އެކަމުން ބޮޑެތި ފަސޭހަތަކެއް ވާނެ. އަޅުގަނޑުމެން އުއްމީދުކުރަނީ އަގުވެސް ހެޔޮވެގެން ދާނެ ކަމަށް." މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ ބައެއް މީހުން ވާހަކަ އެ ދައްކާ ގޮތަށް ފެރީއަށް އަރައިގެން ކުޅުދުއްފުއްޓަށް ތަރުކާރީކޮޅެއް އުލިގަމަށް ތަރުކާރީ ކޮޅެއް އެހެން ވިއްކަމުން ދިއުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި މުދާ ގެނައުމުގެ ކަންކަން ދާނީ ރާއްޖޭގައި ހެދިފައި ހުރި އިމްޕޯޓް ގާނޫނުތަކުގެ ތެރެއިން އެ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

މިކަމަށްޓަކައި ވީޑިއޯ ކޮންފަރެންސެއް މެދުވެރިކޮށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ ކުޅުދުއްފުށީ ބަނދަރަށް މި ކާގޯ ފެރީ އަންނަކަމީ އުތުރުގެ ރަށްތަކުގެ ތަރައްގީގެ އިތުރުން ޖުމްލަކޮށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ގައުމުގެ އިގުތިސޯދު ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އިއްޔެ ކާގޯ ދަތުރުތައް ރަސްމީކޮށް ފެށި އިރު، މި ދެމެދު ދަތުރުކުރާ ކާގޯ ފެރީއަކީ ކުޅުދުއްފުށީ ބަނދަރަށް ކައިރި ކުރެވޭ ވަރަށްވުރެ ބޮޑު ބޯޓެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ފާހަގަކުރެއެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް ލޯކަލް އެޖެންޓު ސްޓޭޓް ޝިޕިން ކޮމްޕެނީން ނިންމާފައިވަނީ މުދާ ބަރުކުރުމުގެ އިތުރުން މުދާ ބޭލުމަށް ބާޖެއް ނޫނީ ޓަގެއް ބޭނުންކުރުމަށް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މައުލޫމާތު ދެއެވެ.