ޕްރޮފައިލް ރިޕޯޓް

ސައިފް: ފްރީސްޓައިލްގައި ރާއްޖޭގެ އެއްވަނަ! ހުނަރުން ފުރިފައިވާ ޒުވާނެއް

އަލީ ޔާމިން

1

މުހައްމަދު ސައިފް ޒާހިރުއޭ ބުނެފިނަމަ އެއީ ކާކުކަން ނޭނގޭ މީހުން ވަަރަށް ގިނަވާނެއެވެ. ނަމަވެސް ހަބޭސް ސައިފް ނުވަތަ، ސުޕަމޭންއޭ ބުނެފިނަމަ އެއީ ކާކުކަން ނުދަންނަ ދިވެއްސަކު މަދުވާނެއެވެ. ސައިފް އަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ ލޯބި ހޯދި ޒުވާނެކެވެ. ފުރަތަމަ ފްރީސްޓައިލުންނެވެ. އޭގެ ފަހުގައި ބޮޑުބެރުންނެވެ. ދެން ޕްރެޒެންޓަރެއްގެ ހައިސިއްޔަތުންނެވެ. މިހާރު، ފްރީސްޓައިލް ކޯޗެއްގެ ހައިސިއްޔަތުންނެވެ. މީގެ އިތުރުންވެސް އެތައް ކަމެއްގައި އުމުރުން 29 އަހަރުގެ ސައިފްގެ ނަން ވަނީ ވިދާލާފައެވެ.

ސައިފް އާންމުންގެ ތެރެއަށް ތައާރަފުވީ ރެޑްބުލް ސްޓްރީޓް ސްޓައިލްގައި ދައްކާލި މޮޅު ހުނަރުންނެވެ. އެންމެ ކުޑައިރުއްސުރެވެސް ބޯޅަ ބޭނުންކޮށްގެން ޗަރުކޭސް ހެދުމަށް ޝައުގު ހުންނަ ސައިފު ވަނީ 2010 ވަނަ އަހަރުގެ ރެޑްބުލް ސްޓްރީޓް ސްޓައިލް މުބާރާތުން ރާއްޖެއިން އެއްވަނަ ހޯދައި ރެޑްބުލް ސްޓްރީޓް ސްޓައިލް ވޯލްޑް ޗެމްޕިއަންޝިޕްގައި ސައުތު އެފްރިކާގައި ރާއްޖެ ތަމްސީލްކޮށްފައެވެ. އޭގެ ފަހުން 2012 ވަނަ އަހަރުވެސް ސައިފް ވަނީ ފްރީސްޓައިލްއިން ރާއްޖެއިން އެއްވަނަ ހޯދައި، އިޓަލީގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލްކޮށްފައެވެ. 2010 އިން 2012 ވަނަ އަހަރަށް ސައިފް ހުރީ ރެޑްބުލްގެ އެތްލީޓެއްގެ ގޮތުގައެވެ.

ފްރީސްޓައިލް ހަދަން ދަސްކުރީ ކިހިނެތް؟

ސައިފް ބުނީ، ފްރީސްޓައިލް ކުރަން ފެށުނީ ސްކޫލް ދައުރުގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯގެ ވީޑިއޯއެއް ފެނިގެން، ގާތް އެކުވެރިއަކާއެކުގައި ކަމަށެވެ. ފްރީސްޓައިލް ކުރުމަށް އުޅުނު ފުރަތަމަ ދުވަހު ދަސްކުރަން އުޅުނު ޓްރިކް ހެދުމުން އެކަމަކީވެސް ކުރެވޭނެ ކަމެއް ކަން އެނގިގެންދިޔަ ކަމަށް ސައިފް ބުންޏެވެ.

"ފްރީސްޓައިލް ފެށުނީ ގްރޭޑް 9ގައި އުޅެނިކޮށް، ފުޓުބޯޅަ ދެން އެހާ މޮޅަކަށް ނުކުޅެވޭ އެއިރަކު. ވީޑިއޯއަކުން ފެނުނީ ރޮނާލްޑޯނިއޯ މޮޅެތި ޗަރުކޭސް އެއްޗެހިތަކެއް ހަދާތަން، ފެނިގެން ޝައުގުވެރިކަން އުފެދިގެން ފުރަތަމަ ހަމަ ބަލާލީ ގޭގައި އޮތް ބޯޅައަކުން މީ ވާވަރުކަމެއްތޯ. ހިތަށް އެރި ނުވާނެއޭ. އެކަމަކު ފުރަތަމަ ދުވަހުން ފެށިގެންވެސް ހަދަން އުޅުނު ޓްރިކް ހެދުނީމް ދެން ހިތަށް އެރީ މިއީވެސް ހަމަ ވެދާނެ ކަމެކޭ. އެހެންވީމަ މިކަމަށްވެސް އިސްނަގައިގެން ކުރެވޭތޯ ބަލާނީއޭ ކިޔާފަ ފެށީ. 2005 ހިސާބުގައި ފްރީ ސްޓައިލް ހަދަން ފަށައިފިން" ސައިފު ބުންޏެވެ.

ސައިފު ބޮޑުބެރަށް! ކިހިނެއް؟ ކީއްވެ؟

ސައިފު އެންމެ ގިނަ ބަޔަކަށް އެނގިގެން ދިޔައީ 2011 ވަނަ އަހަރުގެ ތެރޭގައި ވުޖޫދަށް އައި ހަބޭސް ބޮޑުބެރު ގްރޫޕުގެ ކޯ ފައުންރެއްގެ ގޮތުގައެވެ. ނަމަވެސް ހަބޭސްގެ އެތެރޭގައި ޖެހުނު މައްސަލައެއްގެ ސަބަބުން 2016 ވަނަ އަހަރު ސައިފު ވަނީ ހަބޭސް ދޫކޮށް ދެތިން އެކުވެރިންނާއެކު 1438ގެ ނަމުގައި ބޮޑުބެރު ގްރޫޕެއް އުފައްދައިފައެވެ.

ސައިފު ބުނި ގޮތުގައި އޭނާ ބޮޑުބެރަށް ޝައުގުވެރިކަން އުފެދުނީ، އޭނާގެ އެކުވެރިއެއްކަމަށްވާ މެހެފޫޒްއާ އެކީގައި އޭނާގެ ބޭބެމެން ބެރުޖަހަން އުޅުނު ތަން ބަލަން ގޮސް ގޮސް ކަމަށެވެ. ސައިފު ބޮޑަށް ހަރަކާތްތެރިވެފައިވަނީ ނެށުންތެރިއެއްގެ ގޮތުގައެވެ. އަދި ބައެއް ފަހަރު ކޮރިއޯގްރަފާއެއްގެ ގޮތުގައިވެސް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ.

"ބޮޑުބެރުގެ ތެރެއަށް ވަދެވުނީ މެހެފޫޒްއާ އެކީގައި ހަމަ ވަރަށް ގާތް ރައްޓެއްސެއް، ދެން އެމީހުންގެ ބޮޑުބޭބެމެން ބެރުޖަހަން އުޅުނުއިރު އެތަން ބަލާލަން ފުރަތަމަ ދިޔައީ. އެހެން ގޮސްގޮސް ޝައުގުވެރިކަން އުފެދުނީ، ގޮސް ހަމަ ނަށާ އެއިރުގައި އެކީގައި އުޅުނު ރަށްޓެހިންތައް ގްރޫޕެއް ހަދަން ވެގެން ހަބޭސް ކިޔާފައި ގްރޫޕެއް ހެދީ 2011 ވަނަ އަހަރު. ހަބޭސްގައި 2011 އިން ފެށިގެން 2016 އަށް މަސައްކަތް ކުރުމަށް ފަހު ހަބޭސްގައި ޖެހުނު މައްސަލައެއްގައި ހަބޭސްގެ ގިނަ ބަޔަކު ވަކިވެ، 1438 އުފެދިގެން އައީ ސައިފްއާ މެހެފޫޒްއާ އަޒްރަފު އިސްވެ ތިބެގެން. އުފައްދާފައި 1438ގެ ދަށުން ތިން ބޭންޑާއި ދެ ޑާންސް ގްރޫޕު އުފެއްދީ، ރަސްމަޓާޒް ކިޔާ ވެސްޓާން ޑާންސް ގްރޫޕަކާއި 1438ގެ ސަގާފީ އަންހެން ޑާންސް ގްރޫޕަކާއި ދެން ކްލިއޯ ބޭންޑާއި ސްކޫލިއޯ ބޭންޑާއި އެކިއުޓް ކިޔާ ބޭންޑެއް. އެ ބޭންޑްތައް 2018 ވަނަ އަހަރާ ހަމައަށް މެނޭޖުކޮށް ހިންގީ ހަމަ ސައިފް" ބޮޑުބެރުގެ ތަޖުރިބާ "ވަން"އާ ހިއްސާ ކުރަމުން ސައިފު ބުންޏެވެ.

ޕްރެޒެންޓަރަކަށް ވީ ކިހިނެއް؟

ސައިފް ޕްރެޒެންޓް ކުރަން ފެށީ 2018 ވަނަ އަހަރުގެ މެދު ތެރޭގައެެވެ. ސައިފް ބުނީ، ޓީވީއެމްގެ ދެ ޕްރޮޑިއުސަރަކު ޕްރެޒެންޓް ކުރަން ހުށަހެޅިއިރު އޭނާއަކީ އެއްވެސް ވަރަކަށް ޕްރެޒެންޓިންއަށް ޝައުގުވެރިކަން ހުރި މީހެއް ނޫން ކަމަށެވެ. ސައިފް އެންމެ ފުރަތަމަ ލައިވް ޝޯއަކަށް އަރާފައި ވަނީ "މިވަގުތު" ޕްރޮގްރާމަށެވެ. އޭގެ ފަހުން ތަފާތު ނުވަ ޕްރޮގްރާމެެއްގެ އެތައް އެޕިސޯޑެއް އޭނާ ވަނީ ހުށަހަޅައި ދީފައެވެ. ޓީވީއެމްއިން ގެނެސްދޭ "ހެނދުނު ހެނދުނާ" ޕްރޮގްރާމާއި ކޮންމެ ހުކުރު ދުވަހެއްގައި ގެނެސްދޭ "ހިތްފަސޭހަ" ޕްރޮގްރާމްގެ ޕްރެޒެންޓަރަކީވެސް ސައިފެވެ. ސައިފަކީ، ކޮންމެ ރަމަޟާން މަހެއްގައި ގެނެސްދޭ "އަހަމާ ބަހަމާ" ޕްރޮގްރާމްގެ ކޯ ޕްރޮޑިއުސަރުވެސް މެއެވެ.

"ޕްރެޒެންޓަރަކަށްވީތާ އަސްލު ތިން ވަނަ އަހަރު މީ. ޕްރެޒެންޓަރަކަށް ވުމަކީ ކުރިން އެހާ ކުރާހިތްވެގެން ކުރި ކަމެއް ނޫން. އެކަމަކު ލިބުނު ފުރުސަތެއްގައި ބޮޑުބެރުގެ ތެރޭގައި އުޅެމުން ސްޓޭޖު ޝޯތަކާއި އިންޓަވިއުތަކާއި އެއްޗެހި ދެވިފަ ހުރީމަ އެކަމަށް އެހާ އަލެއް ނޫން. ދެން ކެމެރާއާ މައިކާ އެއްޗެއްސަށް އެއްވެސް ވަރަކަށް އަލެއް ނޫން. ޓީވީއެމްގެ ޕްރޮޑިއުސަރުންތަކެއް ދިން ފުރުސަތެއްގެ ބޭނުންކޮށްގެން ފެށީ. ފެށީމަ ހަމަ ވަރަށް ކުރާ ހިތްވާ ކަމަކަށް އެކަންވީ، ދެން ގިނަ ބައެއްގެ ފަރާތުން ލިބުނީވެސް ޕޮޒިޓިވް ފީޑްބެކް" ސައިފު ބުންޏެވެ.

ޅެންވެރިއެއް، އެކްޓްވެސް ކުރޭ!

ބޮޑުބެރުގެ ހަރަކާތްތަކާއި ފްރީސްޓައިލްއާއި ޕްރެޒެންޓް ކުރުން އެކަންޏެއް ނޫނެވެ. ސައިފް އަކީ ސްކޫލު ދައުރުން ފެށިގެން އަދަބިއްޔާތު، ހާއްސަކޮށް ޅެން ހެދުމަށް ޝައުގު ހުންނަ އަދި އެ މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. ސައިފް ބުނި ގޮތުގައި މިހާތަނަށް އޭނާއަށް 75 އަށް ވުރެ ގިނަ ޅެން އެކި ދާއިރާތަކުން ހެދިފައި ހުންނާނެއެވެ. އޭނާ ވަނީ، ބައެއް ލަވަތަކަށް އެކްޓްކޮށްދީ، އޮފީސް ޑްރާމާއެއްގައިވެސް އެކްޓްކޮށްފައެވެ.

"ޅެން ހަދަން ޝައުގުވެރިކަން އުފެދުނީ ގްރޭޑް 4، 5 ހިސާބުގައި އަދަބިއްޔާތު ފިލާވަޅުތައް ދަސްކުރުމުގެ ތެރެއިން. އަސްލު މަންމަގެ ފަރާތުން ބޮޑަށް ދަސްވެގެން ދިޔައީވެސް. އެއީ މަންމައަކީ ޅެން ހަދާ އުޅޭ މީހެއް. މިހާތަނަށް އައިއިރު 75 ޅެން ހެދިފައި އެބަހުރި، އޭގެ ތެރޭގައި ގިނަވާނީ މަދަހަތަކާއި، ގައުމީ ލަވަތަކާއި، އެކި މުނާސަބާތަކުގެ ލަވަތައް. ދެން ހަބޭސްގެ ބައެއް އަލްބަމްތަކަށްވެސް. ހުންނާނެ ހަތަރު ވަރަކަށް ލަވަވެސް ކުޅެވިފަ. 2016 ވަނަ އަހަރު އެމްޕީއެލް އޮފީސް ޑްރާމާއެއްވެސް ކުޅެފައިވާނެ" ސައިފް ބުންޏެވެ.

ފްރީސްޓައިލް ރާއްޖޭގައި ކުރިއަރުވައި ފްރީސްޓައިލް އެކެޑެމީއެއް ހުޅުވުމުގެ އަމާޒު!

ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ފްރީސްޓައިލް މުބާރާތް ދެ ފަހަރު ކާމިޔާބުކުރި ސައިފް ބުނީ، އެނާގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ، ފްރީސްޓައިލް އަކީ ރާއްޖޭގައި ބޮޑުކުޅިވަރެއްގެ ގޮތުގައި ކުޅޭ ކުޅިވަރަކަށް ހެދުމުގެ މަސައްކަތް ކަމަށެވެ. ރާއްޖޭގައި ފްރީސްޓައިލް ކުރުމަށް ބޭނުންވާ ބައިވަރު ކުދިން އުޅޭކަން ފާހަގަކުރަމުން ސައިފް ބުނީ ފްރީސްޓައިލް ކުރާ ކުދިން ނުފެންނަނީ ރާއްޖޭގައި މި ކުޅިވަރަށް އެއްވެސް ވަރަކަށް އަޅައިލެވިފައި ނުވާތީ އާއި، ވާދަވެރި މުބާރާތެއް ނުބާއްވާތީ ކަމަށެވެ. ސައިފް ބުނީ، އޭނާގެ އަމާޒަކީ ރާއްޖެއިން ފްރީސްޓައިލްގައި ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ވާދަކޮށް ރާއްޖެއަށް ވަނަތައް ހޯދޭނެ ފެންވަރަށް އެ ކުޅިވަރު ތަރައްގީ ކުރުން ކަމަށެވެ.

ސައިފް މިހާރުވެސް އަންނަނީ ހަތަރު ވަރަކަށް ކުދިންނަށް ފްރީސްޓައިލް ދަސްކޮށްދިނުމުގެ ޝެސަންތަކެއް ނަގައިދެމުންނެވެ. ސައިފްގެ އުންމީދަކީ އެކެޑަމީއެއް ހަދައިގެން ކުޑަކުދިންނަށް ފްރީސްޓައިލް ކުރަން ދަސްކޮށްދިނުމެވެ.

"މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރާއްޖޭގައި ފްރީސްޓައިލްއަކީ ވަރަށް ފޯރީގައި އެކަމަށް ވަރަށް ޝައުގުވެރިވާ ކުދިންތަކެއް ކުރާ ބޮޑު ކުޅިވަރެއްގެ ގޮތުގައި ފާހަގަވެގެން ދިއުން. ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް ރާއްޖެއަށް ރީތި ނަން ގެނެސްދޭ ކުޅިވަރެއްގެ ގޮތުގައި ފްރީސްޓައިލްވެސް އޮތުން. ދެން ވަރަށް މަދު ކުދިންތަކެއް މިހާރު ފްރީސްޓައިލް މިކުރަނީ. އެންމެ ދެކެން ބޭނުމީ އެކަމަށް މަގުފަހިވާނެ ދުވަހެއް. މި ކުޅިވަރު ރާއްޖޭގައި ބޮޑު ކުޅިވަރެއްގެ ގޮތުގައި ގިނަ ބަޔަކު ލުކް ފޯވާޑް ކުރާ ކުޅިވަރަކަށް ވުން" ސައިފު ބުންޏެވެ.

ފްރީސްޓައިލްގެ އިތުރު މުބާރާތްތަކުގައި ވާދަކުރުމުގެ ވިސްނުމެއް ސައިފު މިހާރު ނުގެންގުޅެއެވެ. ސައިފުގެ ހުރިހާވެސް ބޭނުމަކީ އެ ކުޅިވަރު ތަރައްގީ ކުރުމެވެ. ފްރީސްޓައިލް ކުރަން ބޭނުންވާ ކުދިންނަށް ރާއްޖޭގައި ހުރި އެންމެ މޮޅު އަދި އެންމެ ތަޖުރިބާކާރު ފްރީސްޓައިލާގެ ހައިސިއްޔަތުން ސައިފްގެ އޮތީ ނަސޭހަތެކެވެ.

"ފްރީސްޓަައިލްކުރަން ބޭނުންވާ ކުދިންނަށް ބުނެލަން އޮތީ ހީނުކުރާށޭ މިއީ ތިމަންނައަށް ނުވާނެ ވަރުގެ ކަމެކޭ. ސައިފް ނޫނީ އެހެން ފްރީސްޓައިލަރަކު ނުވަތަ އިންޓަނޭޝަނަލް ފްރީސްޓައިލަރަކުވެސް ހަދާފައި ހުންނަ ވީޑިއޯތައް ބަލާފައި ހިތަށް ނާރުވާށޭ އެމީހުންނަށް ވިޔަސް ތިމަންނަމެންނަކަށް އެކަމެއް ނުވާނެއޭ. އެއީ އިންޓަނޭޝަނަލް ފެންވަރުގެ ފްރީސްޓައިލަރުންވެސް އެ ތިބި ލެވެލްއަށް އައީ ވަރަށް ބުރަ މަސައްކަތް ކޮށްގެން" ސައިފް ބުންޏެވެ.

ބޭނުމީ ނަމޫނާ ބައްޕައަކަށްވާން!

ސައިފު ބުނިގޮތުގައި ބޮޑުބެރާއި އޭނާ ދުރުވީ، ޒަވާޖީ ހަޔާތެއް ފެށި ހިސާބުންނެވެ. ދަރިޔަކު ލިބުނު ފަހުން މުޅި ދިރިއުޅުން ބަދަލުވި ކަމަށާއި އެ ދަރިފުޅަކީ ހުރިހާ ކަމެއް ކުރުމުގެ ހިތްވަރު ކަމަށް ސައިފު ބުންޏެވެ. ސައިފު ބުނިގޮތުގައި އޭނާ ބޭނުންވަނީ ނަމޫނާ ބައްޕައަށް ވުމަށެވެ.

"ދަރިފުޅަށް އަންނަ އޮކްޓޯބަރު މަހު ވާނީ ދެ އަހަރު، ދެން މި ދެއަހަރަކީ ދިރިއުޅުމަށް އެންމެ ބޮޑު ބަދަލެއް ގެނުވި ދެ އަހަރު. އޭގެ ކުރިން ދިރިއުޅުމަށް އެހާ ސީރިއަސް މީހެއް ނޫން ސައިފްއަކީ. ދިރިއުޅުމުގެ ކަންތައްތަކާ މެދު އެހާ ބޮޑަށް ވިސްނާ، ފިއުޗާއާ މެދު ވިސްނައެއ ނޫޅެން، ތަންކޮޅެއް ކެއާ ފްރީކޮށް އުޅެމުން ދިޔައީ ހަރަދުކުރުމާއި ކަންކަން. ނަމަވެސް ކައިވެންޏަށް ފަހު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސް ދިރިއުޅުމަށް ކުރިއެރުންތަކެއްވެސް ލިބިއްޖެ. ދެން ދަރިއަކު ލިބުނު ހިސާބުން ހަގީގަތުގައި ވަރަށް ގިނަ ކަންކަން ޗޭންޖު ވި. ކިތަންމެ ބިޒީކޮށް އުޅުނަސް ދަރިފުޅަށް ވަގުތުދެން. ކޮންމެ ދުވަހަކުވެސް ދަރިފުޅާއެކު ވަގުތު ހޭދަކުރަން. ސައިފް ބޭނުންވޭ ދަރިފުޅު ބޮޑުވެގެން އަންނައިރު އެ ދަރިފުޅަކީ ކަންކަމާ ކުރިމަތިލާން ކެރޭ ކުއްޖަކަށް ވާން. ދަރިފުޅުގެ ކުރިއެރުމަށް އެންމެ ބޮޑު އެހީތެރިކަމަށް އިރާދަކުރެއްވިއްޔާ ސައިފް ވާނެ" ދަރިފުޅާމެދު ކުރާ އުންމީދު ކިޔާދެމުން ސައިފު ބުންޏެވެ.

ސައިފަކީ ބައެއް އެންޖީއޯތަކުގައިވެސް މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. އެގޮތުން ރަފީ އާއި، ވެލްނެސް އެސޯސީއޭޝަންގައި ސައިފު މަސައްކަތް ކުރެއެވެ. ސައިފަކީ ގްލޯބަލް ޔޫތު އެމްބެސަޑާއެއްވެސް މެއެވެ. އޭނާއަކީ އަލްފާ ޑެންގެ ބްރޭންޑް އެމްބެސަޑާކަންވެސް ކުރަމުން އަންނަ ހީވާގި ޒުވާނެކެވެ. މީގެ އިތުރުން ސައިފު އަންނަނީ ދިވެހި ރެޑްކްރެސެންޓްގައިވެސް ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. ކުޅިވަރު ކުޅުމާއި، އެހެނިހެން ހަރަކާތްތަކުގައި އުޅުމުގެ އިތުރުން އާއިލާއެއް ބެލެހެއްޓުމުގެ ޒިންމާ ސައިފު އަދާކުރަނީ ވަރަށްވެސް ފުރިހަމައަށެވެ. ސައިފަކީ ކުރަން ޖެހުނު ކޮންމެ ކަމެއް، އެކަމެއް ކުރެވުނު އެންމެ ފުރިހަމައަކަށް ކުރަން މަސައްކަތް ކުރާ ޒުވާނެއްކަން ސައިފްގެ މާޒީ ހެކިދެއެވެ. "ވަން"ގެ އުންމީދަކީ ސައިފަށް އިތުރު ކާމިޔާބީ ލިބި އޭނާގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހުމެވެ.