އިޓާލިއަން ސެރެއާ އޭގެ ރައީސް ޕައުލޯ ޑަލް ޕީނޯއަކީ "ޖޯކަރެއް" ކަމަށް ބުނެފައިވާތީ އިންޓަ މިލާންގެ ޒުވާން ޗެއާމަން، ޗައިނާގެ ވިޔަފާރިވެރިޔާ ސްޓީވެން ޒާންގް ޖޫރިމަނާ ކޮށްފިއެވެ.

ކޮވިޑްގެ ހާލަތުގައި ކުޅުންތެރިންނާއި ކްލަބުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުބަލައި ބައެއް މެޗުތައް ކުޅުވުމަށް މާޗު މަހު ސެރެއާ އޭގެ ރައީސް ނިންމި ނިންމުމާއި ގުޅިގެން އޭނާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް މީސް މީޑިއާގައި ފާޑުކިޔާފައިވާ އެކަކީވެސް އިންޓަގެ 28 އަހަރުގެ ޗެއާމަން ޒާންގެވެ.

އިޓަލީގެ ފެޑެރޭޝަނުން ޒާން 8،000 ޔޫރޯއިން ޖޫރިމަނާ ކޮށްފައިވާއިރު، ކްލަބު ވަނީ 5،900 ޔޫރޯއިން ޖޫރިމަނާ ކޮށްފައެވެ. ކޮވިޑް އިޓަލީގައި ހަލުވިކަމާއެކު ފެތުރެމުންދަނިކޮށް އިންޓައިން ޔުވެންޓަސްއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކޮށް ނުދިނުމުން ޒާންގް އޭނާގެ ރުޅިގަނޑު ބާލައިލީ އިންސްޓާގްރާމް ޕޯސްޓަކުންނެވެ.

ޒާންގްގެ ޕޯސްޓްގައި ބުނެފައި ވަނީ ސެރެއާ އޭގެ ރައީސްއަކީ އޭނާއަށް ފެނުނު އެންމެ "ބޮޑު އަދި އެންމެ ހުތުރު ޖޯކަރު" ކަމަށެވެ. ކުޅިވަރު ކުޅުމުގެ އަސާސްތަކާއި ސެރެއާ އޭގެ ރައީސް ހިލާފު ވެފައިވާކަމަށް ޒާންގް ހަރުކަށިކޮށް ބުނެފައިވާއިރު، އާންމުންގެ ސަލާމަތާއި، ކުޅުންތެރިންގެ ސަލާމަތަށްވެސް ނުވިސްނާ ކަމަށް އޭނާގެ ޕޯސްޓްގައި ބުނެފައި ވެއެވެ.

ޒާންގްއަކީ އިންޓަ މިލާންގެ ތާރީހު ދުށް އެންމެ ޒުވާން ޗެއާމަނެވެ. އޭނާ 2018 ވަނަ އަހަރު ކްލަބުގެ ޗެއާމަން ކަމާ ހަވާލުވީ ސުއިނިން ހޯލްޑިންގްސް ގްރޫޕްގެ ފަރާތުންނެވެ. އެ ގްރޫޕަކީ އިންޓަގެ 68.66 ޕަސެންޓް ހިއްސާވާ ކުންފުންޏެވެ.