ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެއިން ބޭރުން ވަޑައިގެން ކަރަންޓީނު ނުވެ އިވެންޓެއްގައި ބައިވެރިވެވަޑައިގެންނެވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ނަގައިގެން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރަކަށްފަހު، މިދިޔަ ހުކުރު ދުވަހު އެނބުރި ވަޑައިގެން ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރައްވަމުން ގެންދަވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިއްޔެ ވަނީ ރާއްޖޭގެ ބަޖެޓް ސަޕޯޓަށް އިންޑިއާ އިން ދިން 250 މިލިއަން ޑޮލަރުގެ ލޯނުގެ ޗެކް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ގައިޑްލައިނުގައިވާ ގޮތުން ނަމަ ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެން ވެސް 14 ދުވަހަށް ކަރަންޓީން ވާން ޖެހެއެވެ. ނަމަވެސް އިއްޔެގެ އިވެންޓުގައި މިނިސްޓަރު ބައިވެރިވެވަޑައިގެންފައިވާތީ، ބައެއް ފަރާތްތަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔައިފައެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ އެޗްޕީއޭ އިން މީގެ ކުރިންވެސް ހާއްސަ ހާލަތްތަކުގައި އާންމު ފަރާތްތަކަށްވެސް ކަރަންޓީނުގައި ހުންނައިރު ބައެއް ކަންކަމަށް ހުއްދަ ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން މިނިސްޓަރު ޝާހިދަށްވެސް ހުއްދަ ދެވިފައިވަނީ އެ ހާލަތުގެ ދަށުން ދައުލަތުގެ ފަރާތުން ކޮންމެހެން އަދާކުރަންޖެހޭ ޒިންމާއެއް އަދާކުރެއްވުމަށް ކަމަށް ނަޒްލާ ވިދާޅުވިއެވެ.
"ދައުލަތުގެ ފަރާތުން ކޮންމެހެން އަދާކުރަންޖެހޭ ޒިންމާއެއް އަދާ ކުރުމަށް ދެވުނު ވަކި ހާއްސަ ހުއްދައެއް އެއީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާއެކު. މިގޮތަށް ކުރިންވެސް ދޫކުރެވިފައިވާނީ އާންމު ފަރާތްތަކަށްވެސް. ވަކި ފަރާތަކަށެއް ނޫން،" ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ އާންމު ފަރާތްތަކުގެ ތެރެއިން ސިއްހީ އިމަޖެންސީ ކަމެއްގައި ނުވަތަ އާއިލާގެ ބޭފުޅަކަށް ކަމެއް ދިމާވެގެން ނުވަތަ ޖަނާޒާއެއްގައި ބައިވެރިވާން، އެޗްއީއޯސީއަށް މެއިލް ކުރުމުން ބަލަން ޖެހޭ ކަންކަމަށް ބެލުމަށްފަހު ހުއްދަ ދީފައިވާ ކަމަށެވެ.
އެގޮތަށް ހުއްދަ ދެވުނަސް ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް ކަމަށްވާ މާސްކް އެޅުމާއި ގައިދުރުކަމާއި އެނޫންވެސް ފިޔަވަޅުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު