މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ބޯޑާއެކު މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގައި އެންޑީއޭ އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ އިދާރާއެއް ކަމަށެވެ.
ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތަށް ޒުވާނުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމުގައި ވެސް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމަށް އިސްކަންދެވިފައިވާނޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާން ހުރި ދޮރުތައް ބަންދުކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެންޑީއޭގެ ބަޖެޓާއި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، އެ އިދާރާގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމާއި ފަރުވާއަށްފަހު މުޖުތަމައާ އަލުން ގުޅޭ ޒުވާނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގައި ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި އެންޑީއޭގެ ބޯޑުގެ މެންބަރުން ވިދާޅުވީ ނައިބު ރައީސް އެދިވަޑައިގެންނެވި ގޮތަށް މަސައްކަތްތައް ބައްޓަންކުރާނެ ކަމަށާއި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބޯޑުގެ ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު