ހަ އަހަރު ދުވަހު ކްލަބު އީގަލްސްއަށް ކުޅުމަށްފަހު، ކްލަބުގެ ކެޕްޓަން އަދި ސްރީލަންކާ ގައުމީ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރު ސުޖަން ޕެރޭރާ އެ ކްލަބު ދޫކޮށްލަން ނިންމައިފިއެވެ.

ހަ އަހަރު ދުވަހުގެ ތެރޭގައި އީގަލްސްއަށް ފަސް ސީޒަނުގައި ކުޅުނު ސުޖަން ކްލަބު ދޫކޮށްލަން ނިންމިކަން އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ.

ސުޖަންގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އީގަލްސް ދޫކޮށްލުމަކީ "ކިޔަން ޖެހުނު އެންމެ އުނދަގޫ އަލްވަދާއު" ކަމަށެވެ. އަދި އީގަލްސްގެ ކޯޗުންނާއި ހުރިހާ ކުޅުންތެރިންގެ އިތުރުން މެނޭޖުމަންޓުން ކުރި އިތުބާރާއި ބެހެއްޓި ގާތްކަން ހަނދާން ނުނެތޭނެ ކަމަށްވެސް ސުޖަންގެ ޕޯސްޓުގައި ބުނެފައިވެއެވެ.

އީގަލްސްއާ ގާތް ގުޅުމެއް ބާއްވަމުންދިޔަ ގޯލްކީޕަރު ސުޖަން، ކްލަބު ދޫކޮށްލި ސަބަބެއް ކަމަށް ބެލެވެނީ އާއިލާއާއެކު ގިނަ ވަގުތު ހޭދަކުރަން ބޭނުންވުމެވެ. ހާއްސަކޮށް އޭނާގެ ކައިވެންޏަށް މިދިޔަ އަހަރު ތެރޭގައި ދަރިއަކު ލިބިފައިވުމަކީ ލަންކާގައި މަޑުކުރަން ނިންމި ނިންމުމަށް ފަހިވާ ކަމެއް ކަމަށް ބެލެވެއެވެ.

އީގަލްސްއިން އަންނަ ސީޒަންގެ އޭއެފްސީ ކަޕަށް ތައްޔާރުވަމުން އަންނަ އިރު، ސުޖަން ވަނީ ކްލަބަށް ކާމިޔާބީއަށް އެދިފައެވެ. އަދި ކޮންމެ ތަނެއްގައި ހުރި ނަމަވެސް އަބަދުވެސް އީގަލްސްއަށް ސަޕޯޓްކުރާނެ ކަމަށް ބުނެފައިވެއެވެ.

އީގަލްސްއަށް 101 މެޗު ކުޅެދީފައިވާ ސުޖަން ވަނީ 45 ކްލީން ޝީޓް ކްލަބާއެކު ހޯދައިފައެވެ. ޒުވާން އުމުރުގައި ރާއްޖޭގެ އީގަލްސްއަށް ކުޅެން ފެށި ގޯލްކީޕަރު ދިޔައީ ވަރަށް ބޮޑަށް ކުރިއަރަމުންނެވެ. 2016 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމުވެސް އޭނާ ހޯދާފައިވާ އިރު، ސުޖަންއަކީ މިހާރު ލަންކާ ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އަދި ކެޕްޓަނެވެ.

އަންނަ ސީޒަންގައި ލަންކާ ކްލަބަކުން ސުޖަން ފެންނަ އިރު، އޭނާ ކުޅޭނެ ކްލަބެއް އަދި ނުނިންމައެވެ.