ހދ. ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު ކާގޯ ދަތުރުތައް ރަސްމީކޮށް ފަށައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރާއްޖެއާއި އިންޑިއާއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން އިންޑިއާގެ ސޫތުކުޅިން ރާއްޖެ އައުމަށް ފުރަތަމަ ފެރީ މިހާރު ފުރާފައިވާ ކަމަށެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަދު ވީޑިއޯ ކޮންފަރެންސެއް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ފެރީގެ ހިދުމަތް ފައްޓަވައިދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި އިންޑިއާގެ ޔޫނިއަން މިނިސްޓަ އޮފް ސްޓޭޓް ފޯ ޝިޕިންގް މަންސުޚް މަންޑާވިއާ އެވެ. މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އާއި ކަމާ ގުޅުން ހުރި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ކުޅުދުއްފުށި ބަނދަރަށް މި ކާގޯ ފެރީ އަންނަކަމީ އުތުރުގެ ރަށްތަކުގެ ތަރައްގީގެ އިތުރުން ޖުމްލަކޮށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ގައުމުގެ އިގުތިސޯދު ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު މިއަދު ކާގޯ ދަތުރުތައް ރަސްމީކޮށް ފެށި އިރު، މި ދެމެދު ދަތުރުކުރާ ކާގޯ ފެރީއަކީ ކުޅުދުއްފުށީ ބަނދަރަށް ކައިރިކުރެވޭ ވަރަށްވުރެ ބޮޑު ބޯޓެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ފާހަގަކުރެއެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް ލޯކަލް އެޖެންޓު ސްޓޭޓް ޝިޕިން ކޮމްޕެނީން ނިންމާފައިވަނީ މުދާ ބަރުކުރުމުގެ އިތުރުން މުދާ ބޭލުމަށް ބާޖެއް ނޫނީ ޓަގެއް ބޭނުންކުރުމަށް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މައުލޫމާތުދެއެވެ.
މިއަދު ރާއްޖެ އައުމަށް ފުރި ކާގޯ ފެރީއަކީ 117 މީޓަރު ހުންނަ "އެމްސީޕީ ލިންޒް 47" ނަމަކަށް ކިޔާ ފެރީއެއް ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ. އަދި މި ފެރީއަކީ 380 ކޮންޓެއިނަރު އަދި 3000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެއް ކަމަށް މައުލޫމާތުދެއެވެ.
ކުޅުދުއްފުއްޓާއި މާލެ އަދި ކޮޗިންއާ ދެމެދު ފެރީ ދަތުރުތައް ބާއްވަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ދެގައުމުގެ މެދުގައި ސޮއިކުރެވިފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. އޭގެ ފަހުން މިއަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރާ ދެމެދު ކުރިއަށްދިޔަ ވާޗުއަލް ބައްދަލުވުމުގައި ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު ކާގޯ ފެރީ ދަތުރުތައް ފެށުމުގެ މަޝްވަރާތައް ވަނީ ކޮށްފައެވެ.
އިގުތިސޯދީ މާހިރުން ވިދާޅުވާ ގޮތުގައި ކޮޗިން-ރާއްޖެ ފެރީގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެއެވެ. އަދި އެކަމުގެ ނަފާ ރާއްޖޭގެ އިގުތިސޯދަށް ކުރާނެ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު