ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި އެ ކޮމިޝަންގެ ރައީސްގެ މަސްއޫލިއްޔަތުތަަކަށް ބަދަލު ގެނަސް ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. މި ބިލު ރައީސް ތަސްދީގު ކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމާއެކު މިއަދުން ފެށިގެން މި ގާނޫނަށް އަމަލުކުރަން ފެށޭނެ އެވެ.

މި އިސްލާހާއެކު ސީއެސްސީ އާއި އެ ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތަކަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އަދި ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ކުރިއަށްވުރެ ބޮޑަށް މި އިސްލާހުގައި ބާރުއަޅައި އެކަމަށް ހާއްސަ ކޮށްގެން މާއްދާއެއް އިތުރުކޮށްފައިވާ އިރު ކޮމިޝަނުގެ ސުލޫކީ ހަމަތަކަށާއި މެންބަރުންގެ ޒާތީ ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ވެސް މި އިސްލާހުގައި ބާރުއަޅަ އެވެ.

އޭގެ އިތުރުން ކޮމިޝަނުގެ މެންބަރުންގެ މާލީ ހިސާބުތަކާއި އިތުރު ވަޒީފާ އަދާކުރުން މަނާކުރުމާއި މަސްލަހަތު ފުށުއަރާ މައްސަލަތަކާއި ގުޅޭ އުސޫލުތައް މި އިސްލާހުގައި ބަޔާންކޮށްފައިވާ އިރު ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރެކޯޑުތައް ބެލެހެއްޓުމަށް ވެސް މި އިސްލާހުގައި އިތުރުކޮށްފައިވެ އެވެ.