އިޓަލީގެ ނަޕޯލީއަށް ކުޅެމުން އަންނަ ސެނެގާލްގެ ވަރުގަދަ ޑިފެންޑަރު ކަލިޑޫ ކުލިބާލީ ކްލަބު ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ކޯޗު ގެނާރޯ ގަޓޫސޯ ދީފިއެވެ.

އުމުރުން 29 އަހަރުގެ ކުލިބާލީއަކީ މިވަގުތު އެންމެ ގިނަ ކްލަބުތަކަކުން ލޯ އަޅަމުންދާ އެއް ޑިފެންޑަރެވެ. ޚާއްސަކޮށް ޔޫރަޕްގެ ގަދަ ބާރުތައް ކަމަށްވާ މެންޗެސްޓާ ސިޓީއާއި ޕީއެސްޖީންވެސް ދަނީ ކުލިބާލީގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ސިޓީން މީގެ މަހެއްހާ ދުވަސްކުރިން މަޝްވަރާތައް ފެށިނަމަވެސް، ނަޕޯލީއާ ސީދާ ވާހަކަ ނުދެއްކޭތީ މަޝްވަރާތައް ދަނީ އެންމެ ހަލުވި ބާރުމިނެއްގައެއް ނޫނެވެ.

ނަޕޯލީން ފަންޑު ހޯދުމަށް ރަނގަޅު އަގެއްގައި ކުލިބާލީ ވިއްކާލާނެ ކަމަށް ގިނަ ރިޕޯޓްތައް ބުނެފައިވާއިރު، ގަޓޫސޯ ބުނެފައި ވަނީ ކުލިބާލީއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ޑިފެންޑަރު ނަމަވެސް، ކްލަބުގެ ފަންޑަށް އޭނާ ދޫކޮށްލަން ޖެހިދާނެ ކަމަށެވެ.

" ކުލިބާލީ މި ސީޒަންގައިވެސް ހުރުމަކީ އެންމެ ބޭނުންވާނެ ގޮތް. އެކަމަކު ނަންބަރުތަކަށް (ފަންޑަށް) ވިސްނަން ޖެހޭ. ކުލިބާލީ ޓީމުން ދިޔުމަކީ ހިތާމަކުރާނެ ކަމެއް ނަމަވެސް، އެކަންކަމަކީ ފުޓުބޯޅައިގައި ބައެއް ފަހަރު ނަގަން ޖެހޭ ރިސްކްތައް،" ގަޓޫސޯޯ ސްކައި ސްޕޯޓްސްއަށް ބުނެފައިވެއެވެ.

ކޯވިޑް 19ގެ މި ހާލަތުގައި ނަޕޯލީން ވަނީ ރަނގަޅު ފޯވަޑެއް ގެނައުމަށް ހަރަދުވެސް ކޮށްފައެވެ. އުމުރުން 21 އަހަރުގެ އޮސިމްހެން ޓީމާ ގުޅި، ކުޅުނު ޕްރި ސީޒަންގެ ދެ މެޗުން އޭނާ ވަނީ ހަ ގޯލްވެސް ޖަހާފައެވެ. އެ ޚަރަދު ފޫބެއްދުމަށް ކުލިބާލީ ވިއްކާލާނެ ކަމަށް ބެލެވޭއިރު، ސިޓީން ތިބީ ތައްޔާރަށް ކަމަށް އިތުބާރުހުރި ރިޕޯޓްތަކުން ބުނެފައިވެއެވެ.