ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ބޭންކު އެކައުންޓް ތަކުގައި ހުރީ، ހިޔާނާތުގެ ފައިސާކަމަށް ތުހުމަތުކޮށް، ދެ މައްސަލައެއްގެ ތަހުގީގު މިހާރުވެސް ކުރިއަށް ގެންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ، ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމުގެ މައްސަލައިގައި، ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ އިސިތިއުނާފީ ޝަރީއަތުގެ އަޑުއެހުމުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފުލުހުން ބަަލަމުން ގެންދާ، ރައީސް ޔާމީންގެ މަސަަލަތަކާބެހޭގޮތުން، ފަނޑިޔާރު ސުއޫދު ފުލުހުންނާ ސުވާލު ކުރެއްވީ، އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަށް އެކައުންޓަކާ ބެހޭގޮތުންނެވެ.

ސުއޫދު ސުވާލު ކުރެއްވީ އެ އަށް އެކައުންޓާބެހޭ އެއްވެސް ތަހުގީގެއް ފުލުހުން ކުރިއަށް ގެންދޭތޯ އެވެ.

ފަނޑިޔާރު ސުއޫދުގެ ސުވާލަށް ޖަވާބު ދެއްވަމުން، ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ތަމްސީލު ކުރައްވާ، ފުލުހުންގެ ޕޮލިސް ޗީފް އިންސްޕެކްޓާ ހުސެއިން ލިރާރު ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓްތަކާބެހޭގޮތުން ދެ މައްސަލައެއް މިހާރުވެސް ފުލުހުން ބަލަމުންދާ ކަމަށެވެ.

އެ ދެ މައްސަލަަކީ، އައިބީއެމްގައި ހުރި އެކައުންޓުތަކާބެހޭގޮތުން އެކަނި ކުރިއަށް ގެންދާ މައްސަަލަތަކެއްނޫން ކަމަށާއި، އެއީ ހުރިހާ ބޭންކެއްގައި ރައީސް ޔާމީންގެ ފައިސާއާބެހޭގޮތުން ކުރިއަށް ގެންދާ ދެ މައްސަލަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެއީ ކޮން ދެ މައްްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ނަމަވެސް ލިރާރު އެހެން ވިދާޅުވުމުން ރައީސް ޔާމީން ވަނީ އެއީ ރަނގަޅު މައުލޫމާތެއްނޫން ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ފުލުހުން ތަހުގީގު ތަކެއް ކުރަމުންދާ ކަމަށާއި، ނަމަވެސް އެއްވެސް ބޭންކެއްގައި ހުރި ފައިސާއަކާބެހޭ ތަހުގީގެއް ފުލުހުން ކުރިއަށް ނުގެންދަވާ ކަމަށެވެ. އަދި ފުލުހުން ވަރަށް ޖެނެރަލް ތަހުގީގުތަކެއް ފުލުހުން ކުރިއަށް ގެންދާ ކަމަށާއި ނަމަވެސް ފައިސާއާބެހޭ ތަހުގީގުތަކެއް ކުރަމުންދާކަމަށް ފުލުހުން ބުނާ ވާހަކައަކީ ރަނގަޅު ވާހަކައެއްނޫން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"އެއީ ރަނގަޅު މައުލުމާތެއްނޫން، ތެދެއްމެ ފުލުހުން ތަހުގީގު ތަކެއް އެބަކުރޭ އެކަމް އެއްވެސް ބޭންކެއްގެ ފައިސާއަކާބެހޭ ތަހުގީގެއް ނުކުރައްވާ، އެއްވެސް ބޭންކެއްގައި ހުރި މިވެނި ފައިސާ އަކީ، މިވެނި ކަމަކާ ގުޅިގެން ހޯދާފައިވާ ފައިސާތޯ، މި ސުވާލެއް ނުކުރައްވައި ތަހުގީގުތަކަށް ފުލުހް އެބަ ކުރައްވަ ވަރަށް ޖެނެރަލް ތަހުގީގުތަކެއް، އެބަކުރައްވާ އެކަމް ވަކި ބޭންކެއްގައި ހުރި ވަކި އެކައުންޓެއްގައި ހުރި، ފައިސާ އަކީ ތިމަންނަމެން މިކުރާ މިވެނި ތަހުގީގަކާ ގުޅުންހުރި ފައިސާއެއް ކަމަށް ތުހުމަތު ކުރައްވާ އެއްވެސް ތަހުގީގެއް ނުކުރައްވާ ރަނގަޅު ވާހަކައެންނޫން އެއީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ދެ ފަރާތުގެ އަޑު އެހުންތަކަށްފަހު ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފައެވެ.

ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުމެވެ.