ހދ. ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު ކާގޯ ދަތުރުތައް މާދަމާ ފަށާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ އޮފިޝަލަކު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ކާގޯ ފެރީ ހިދުމަތް މާދަމާ ފަށާނެ ކަމަށެވެ. އެ ފެރީ ރާއްޖެ އައުމަށް ފުރާނީ ޓުޓިކޮރިންއިންނެވެ. އަދި އެ ފެރީ ރާއްޖެ އަންނާނީ މިމަހުގެ 26 ވަނަ ދުވަހުގައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ރާއްޖެއަށް ދަތުރުކުރާ ފެރީއަށް ކިޔަނީ، "އެމްސީޕީ ލިންޒް 47" އެވެ. ދިގު މިނުގައި 117 މީޓަރު ހުންނަ، އެ ފެރީއަކީ 380 ކޮންޓެއިނަރު އަދި 3،000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ. އިންޑިއާގެ ޓުޓިކޮރިން އާއި ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އަންނަ މި ކާގޯ ފެރީ ފުރަތަމަ ބަނދަރުކުރާނީ ކުޅުދުއްފުއްޓަށެވެ. އެއަށްފަހު މާލެއަށްވެސް އެފެރީ އަންނާނެއެވެ.
ކުޅުދުއްފުއްޓާއި މާލެ އަދި ކޮޗިންއާ ދެމެދު ފެރީ ދަތުރުތައް ބާއްވަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ދެގައުމުގެ މެދުގައި ސޮއިކުރެވިފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. އޭގެ ފަހުން މިއަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރާ ދެމެދު ކުރިއަށްދިޔަ ވާޗުއަލް ބައްދަލުވުމުގައި ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު ކާގޯ ފެރީ ދަތުރުތައް ފެށުމުގެ މަޝްވަރާތައް ވަނީ ކޮށްފައެވެ.
އިގުތިސޯދީ މާހިރުން ވިދާޅުވާ ގޮތުގައި ކޮޗިން-ރާއްޖެ ފެރީގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެއެވެ. އަދި އެކަމުގެ ނަފާ ރާއްޖޭގެ އިގުތިސޯދަށް ކުރާނެ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު