ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމްކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ޔައުގޫބްގެ މެންބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފެއްދީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދުނު އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ކައުންސިލް މެންބަރުކަން ގަބޫލު ކުރެއްވުމުންނެވެ.
އެހެންކަމުން ޔައުގޫބްގެ މެންބަރުކަމުގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައި ދިނުމަށް އެ މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.
ވަން އޮންލައިންއަށް މައުލޫމާތު ދެއްވަމުން ހަލީމު މިއަދު ވިދާޅުވީ އެ މައްސަލަ މިއަދު 9:45 ގައި ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ މައްސަލަައަކީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގެ ތިންވަނަ ނަންބަރާއި އަށްވަނަ ނަންބަރާ ޔައުގޫބު ހިލާފުވެފައި ވާތީ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި މައްސަލެއް ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.
"މި މައްސައަކީ ވަރަށް ސާފު މައްސަލައެއް، އިރާދަ ކުރެއްވިއްޔާ މިއީ ދިވެހި ރައްޔިތުންނަށާއި ދިވެހި ގައުމަށް ލިބިގެންދާ ނަސްރާއި ނަސީބެއް،" ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ކައުންސިލް މެންބަރުކަމުން ޔައުގޫބު މިހާރު އިސްތިއުފާ ދެއްވިނަމަަވެސް، އެ މަގާމަށް އައްޔަން ކޮށް މަގާމު ގަބޫލު ކުރެއްވި ހިސާބުން ގޮނޑި ގެއްލިފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފައިވާކަމަށް އަދި އަންގާފައި ނުވާ ކަމަށް ހަލީމު ވިދާޅުވިއެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާ ބުނާ ގޮތުން، މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެންބަރުން އަދާކޮށްގެން ނުވާނެ އެވެ.
ކުރިން ވެސް މަޖިލީހުގެ ދެ މެންބަރެއްގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހަލީމް ހުށަހެޅުއްވި އެވެ. އޭރު އޭނާ ހުށަހެޅުއްވީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މިހާރު ލީޑަރު އަލީ އާޒިމާއި ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނާޝީޒް ގެރެންޓީ ދެއްވި ލޯނަކަށް ފައިސާ ނުދެއްކުމުން އެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލަ ބެލުމަށް ފަހު އޮކްޓޫބަރު 2013 ގައި ސުޕްރީމް ކޯޓުން ނިންމީ އެ ދެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
މަޖިލިސް މެންބަރު ޔައުގޫބު އަބްދުﷲ
މަޖިލިސް މެންބަރު ޔައުގޫބު އަބްދުﷲ
މަޖިލިސް މެންބަރު ޔައުގޫބު އަބްދުﷲ